ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު ވަހީދު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ އެކަން ހާމަކޮށްފައެވެ.

ވަހީދަކީ ”ބިންވެރިޔާ“ ސްކީމުގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް، އެޗްޑީސީގެ ބޯޑުން ސަސްޕެންޑުކޮށް، ޕާސްޕޯޓު ހިފެހެއްޓި ފަރާތެކެވެ.

ނަމަވެސް އޭނާގެ ޕާސްޕޯޓް މިދިޔަ މަހުގެ ތެެރޭގައި ވަނީ ދޫކޮށްލައިފައެވެ.

އެޗްޑީސީގެ ބޯޑުން ޑިރެކްޓަރަކު ވަކިކުރި އިރު، މީގެ ކުރިން ބޯޑުގެ ޗެއާމަނަކަށް ހުންނެވި އަހުމަދު ނާސިފް މިދިޔަ މަހު ކުރީކޮޅު ބޯޑުން ވަކިކޮށް ވެމްކޯގެ ޗެއާމަނަކަށް ބަދަލުކޮށްފައިވެއެވެ.