އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފިއެވެ.
މި ހާދިސާ ހިނގީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ދެ މީހަކު ފިހުނު މި ހާދިސާއާ ގުޅިގެން، އުމުރުން 31 އަހަރުގެ ފިރިހެންމީހާ މާލެ ގެނެސް މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ.
ނަމަވެސް އޭނަގެ ހާލު ވަރަށް ބޮޑުތަނުން ރަނގަޅުވުމާ ގުޅިގެން ވެންޓިލޭޓަރުން މިހާރު ނަގާފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އެ ހޮސްޕިޓަލުން އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ރަސްދޫގެ، އަންބަރީ ގޭގެ ކޮޓަރީގައި ރޯވި ހާދިސާގައި އެ ފިރިހެންމީހާގެ ކުރީގެ އަންހެނުން ވެސް ވަރަށް ބޮޑަށް ފިހި، އައިޖީއެމްގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 31 ފައި ވަނީ ނިޔާވެފައެވެ.
ކޮޓަރީގައި އަލިފާން ރޯވި ސަބަބެއް ސާފެއް ނޫނެވެ. މިކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

