ިދިވެހިރާއްޖޭގައި ލޮނު އުފައްދަން ފެށުމަކީ ކުރިއެރުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ހއ. ދިއްދޫގައި ލޮނު އުފައްދާ ފެކްޓަރީއެއް އިއްޔެ ހުޅުވުމާ ގުޅިގެންނެވެ.

އެކަމަށް މަރުހަބާ ދެންނެވުމަށް މިނިސްޓަރު ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ މިފަދަ އުފެއްދުންތަކަށް ހިތްވަރުދީ އަދި ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.

”ކަންކަން ކުރިއަށްދާނީ ފެށީމަ. މަރުހަބާ އަދި ކާމިޔާބަށް އެދެން،“ މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ލޮނު އުފައްދަނީ ޖަޕާނުގެ ކުންފުންޏަކުންނެވެ. މި ލޮނު ޖަޕާނަށް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.