ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަތްރެކް ބިން ޢަބްދުﷲ އަލް-އަޖާލީން އަލްދޮސާރީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މަތްރެކް ބިން ޢަބްދުﷲ އަލް-އަޖާލީން އަލްދޮސާރީގެ ސަފީރުކަމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ސަފީރުގެ ދައުރުގައި ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި މި ދައުރުގައި ދެ ގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައި، ރައީސް ވަނީ ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ސައުދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

އަދި މިދިޔަ މެއި މަހު، އެ މަނިކުފާނު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި، ސައުދީ ސަރުކާރުން ދެންނެވި ހޫނު މަރުޙަބާއާއި، އަދާކުރެއްވި މެހެމާންދާރީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން، ރައީސް ސައުދީ އަރަބިއްޔާގެ ސަފީރު ދެއްވަމުންނެވެ.