ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީތަކުގެ ސަބަބުން ކުރިމަގު ފެންނާނޭކަމުގެ ޔަގީންކަން އެބައޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސިޑްސްގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ)ގެ ބައްދަލުވުމެއްގައި ކޯ-ޗެއާގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީއެއްގެ، ޢަމަލީ މަސައްކަތް ފަށައިގަތުމުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުތައް ހޯދި، ދެމެހެއްޓެނިވި ތަރައްގީގެ އައު ޞަފްޙާއެއް ހުޅުވިގެންދާނޭކަން ފާހަގަކުރެއްވިއެވެ.

ސިޑްސްގައި ހިމެނޭ ގިނަ ގައުމުތަކަކީ މާލީގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ، ނުވަތަ ކުރިމަތިވުމުގެ ބިރު އޮތް ޤައުމުތަކެއް ކަމަށާއި، އޭގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުރިމަތިވެފައިވާ ގައުމުތަކެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ބެލެހެއްޓޭކަން ކަށަވަރުކުރުމާއި، ވިލުންވެރި ތަރައްގީ ކަށަވަރުކުރުމަކީ އެފަދަ ގައުމުތަކަށް ހައްސާސް މައްސަލައެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ލަސްނުކޮށް ޑީއެސްއެސްއެސް ގެ މަސައްކަތް ފަށައިގަތުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދަރަނީގެ މައްސަލަތައް ޙައްލުކުރުމަކީ، ސިޑްސްގައި ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ވެށި ތަޣައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

އަދި، ދުނިޔެއަށް އަންނަމުންދާ ސިޔާސީ ބަދަލުތަކާއެކު، ގިނަ ފަރާތްތަކާ ގުޅިގެން، ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

އެހެންކަމުން ރާއްޖެއިން ”ޑެޓްރިލީފް-ފޯ-ރެޒިލިއަންސް-ބިލްޑިން މެކޭނިޒަމް“ އެއް ހުށައެޅުއްވީ، ދަރަނި ލުއިކޮށްދީގެން ވިލުންވެރިކަމަށް އިންވެސްޓްކުރާ ޤައުމުތަކަށް އިސްކަންދެއްވުމުގެ ގޮތުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ މެކޭނިޒަމެއް ތަންފީޒުކުރުމުގެ ސަބަބުން، ކޮންމެ ގައުމެއްގެ ނާޒުކު ހާލަތު ވަޒަންކުރެވި، އެހާލަތުގެ މައްޗަށް ބިނާކޮށް، މަޝްރޫއުތައް ހިންގައި، އޭގެ ސަބަބުން، އެފަދަ ގައުމުތަކުގެ މާލީ ފުދުންތެރިކަން ގާއިމުވުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ.

އަދި މިފަދަ އިންސްޓްރޫމަންޓެއްގެ އަމާޒަކީ ދަރަނި ލުއިކޮށްދިނުމާއެކު، ވިލުންވެރިކަމުގެ އަމާޒުތައް ގުޅުވައި، ދެމެހެއްޓެނިވި ތަރައްގީއަށް އިންވެސްޓްކުރުމަށް މާލީ ތަނަވަސްކަން ގާއިމުކޮށްދިނުންކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓް (އެފް.އެފް.ޑީ.4) އަކީ، ދުނިޔޭގެ ފެންވަރުގައި ޑީއެސްއެސްއެސް ބަލައިގަތުމަށް ރަނުގެ ފުރުސްތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

މި މަސައްކަތަށް މިހާރުވެސް ގިނަ ގައުމުތަކުން ރުހުން ލިބިފައިވީ ނަމަވެސް، އިނޮވޭޓިވް ޑެޓް މެކޭނިޒަމްތަކާއި ކޮންސެޝަނަލް ފައިނޭންސްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބައިނަލްއަގްވާމީ އެއްބާރުލުމާއި ބައިވެރިވުން މުހިންމުކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ ހަމައެކަނި ތަފާސް ހިސާބުތަކުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ފުރާނަ ހިމާޔަތްކުރުމާއި، ދިރިއުޅުމުގެ ކަންކަން ހިމާޔަތްކުރުމާއި، އަޅުގަނޑުމެންގެ މުސްތަގްބަލު ރައްކާތެރިކުރުމަށްވެސް ކުރަންޖެހޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) އަކީ އެކުވެރި ދައުލަތްތަކުގެ 38 ގައުމާއި، އެކުވެރި ދައުލަތްތަކުގެ ތެރޭގައި ނުހިމެނޭ ނުވަތަ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ހިމެނޭ 20 ޤައުމެއްގެ މައްޗަށް އެކުލެވިފައިވާ ޖަމިއްޔާއެކެވެ.

ދިވެހިރާއްޖެއާއި އެންޓީގާ އެންޑް ބާބިއުޑާ އަކީ ސިޑްސްގެ އެސްއޭޖީގެ ކޯޗެއަރއެވެ.