ރާއްޖޭގައި ފާނަބަސަންދު ޖެހިގެން ރިޕޯޓުކުރާ މިންވަރު ފަހަކަށް  އަނެއްކާވެސް އިތުރުވަމުން އެބަދެއެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަހުމަދު ފައިސަލް މިއަދު ވިދާޅުވީ، ފާނަބަސަންދު އެބައުޅޭ ކަމަށާއި، މި ބަލީގައި ދުވާލަކު ކުއްޖަކު ހޮސްޕިޓަލަށް ގެންނަމުންދާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ބުނީ މި އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މާރިޗު މަހު މި ބަލީގެ ކޭސްތައް ވަނީ ގާތްގަނޑަކަށް ދެގުނައަށް އިތުރުވެފައި ކަމަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފެބްރުއަރީ މަހު 190 ކޭސް ރިޕޯޓުކުރެވުނެވެ. އަދި މާރިޗު މަހު 316 ކޭސް ރިޕޯޓުކުރިއެވެ.

އެންމެ ގިނައިން ކޭސްތައް ރިޕޯޓުކުރެވިފައިވަނީ މާލެ ސަރަހައްދާއި، ށ އަތޮޅު އަދި ރ އަތޮޅުންނެވެ.

ފާނަބަސަންދު ޖެހުމުން ގައިގައި ނަގާ ބިއްސަކީ ވަރަށް ގަދައަށް ހިރުވާ ބިހިތަކެކެވެ. މި ބިހިތައް ނެގުމަށްފަހު ދެތިން ދުވަސްތެރޭގައި ގައިގެ އެކި ތަންތަނަށް ފެތުރިދެއެވެ. އަދި އެހާ އަވަހަށް މި ބިހިތައް ފަޅައިގެންވެސް ދެއެވެ.

ފާނަބަސަންދަކީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންވެސް ޖެހޭ ބައްޔަކަށް ވާއިރު ފާނަ ބަސަންދު ޖެހިގެން ފުރަތަމަ ދެދުވަހު ނޭފަތުން ފެންއައިސް ހުން އަންނަން ފަށައެވެ.

އެހެންނަމަވެސް އެދުވަސްވަރު ހަށިގަނޑުން ބިހިނަގާކަށް ނުފަށާނެއެވެ. ބަލިމީހާ ކެއްސާ، ކިނބިހި އަޅާ ހަދާއިރު ކައިރީގައި ތިބޭ މީހުންނަށް އެބަލި ޖެހެއެވެ.

މިބަލިން ރައްކާތެރިވުމަށްޓަކައި ބަލި ޖެހިފައިވާ މީހުންގެ ގެއަށް ޒިޔާރަތް ކުރުން ވަގުތީގޮތުން ހުއްޓާލަން ޖެހެއެވެ.