ސްޓެމް އެޑިއުކޭޝަންގެ ދާއިރާތަކުން ދަރިވަރުން ތަމްރީނުކޮށް، މީހުން ބިނާކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާ ކުރައްވައި، ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ ތިން ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމި ހާސިލުކުރާ ކުދިންނަށް މިހާރަށްވުރެ ރަނގަޅު ފުރުސަތުތައް ހޯދައިދީ ކަންކަން ރަނގަޅު ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި އެކި ދާއިރާތަކުން ކިޔަވާފައިތިބި ބައިވަރު ކުދިން އުފައްދަން ބޭނުންފުޅުވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ސައިންސް، ޓެކްނޮލޮޖީ، އިންޖިނޭރިންގ، މެތެމެޓިކްސްގެ ދާއިރާތަކުން ނުވަތަ ސްޓެމްގެ ދާއިރާތަކުގައި ކިޔަވާ ކުދިންގެ އަދަދު މިދިޔަ އަހަރުތަކުގައި ކޮންމެވެސް ސަބަބަކާއިހުރެ މަދުވެފައިވާ ކަމުގައި ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގައި މުޅިންވެސް ބައްދަލުވަނީ އެކައުންޓިންގ، ފައިނޭންސް ފަދަ ދާއިރާތަކުން ކިޔަވާ ކުދިންނާ ކަމަށާއި ގައުމު ބިނާކުރުމުގައި މި ދާއިރާތައް ފަދައިން، ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިންގެ ބޭނުން ރާއްޖެއަށް ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިން ނުލިބުމުގެ ސަބަބުން އެ ދާއިރާތަކުން ކިޔަވާފައިތިބި ބޭރު މީހުން ގެންނަންޖެހޭ ކަމަށާއި އެގޮތުން ޑޮކްޓަރުންނާއި އިންޖިނޭރުން ގެންނަން ޖެހެނީ ބޭރުންކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ހިންގާ ބައިވަރު އުމްރާނީ ތަރައްގީގެ މަޝްރޫޢުތަކަށް ބޭނުންވާ އިންޖިނޭރުންނާއި ކުއަންޓިޓީ ސަރވެޔަރުންނާއި އެ ދާއިރާތަކުން އެކަށީގެންވާ މިންވަރަށް މީހުން ނެތްކަން ފާހަގަކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، ސްޓެމްގެ ދާއިރާތަކަށް އިސްކަން ދިނުމަށްޓަކައި ސަރުކާރުގެ ލޯނު ސްކީމްގައިވެސް އެކަމަށް ހާއްސަ އިސްކަމެއް ދެއްވާފައިވާނެ ކަމަށާއި ވަޒީފާ ދިނުމުގައިވެސް އެ ދާއިރާތަކުން ކިޔަވައިގެން އަންނަ ކުދިން، ސަރުކާރު ވަޒީފާއަށް ރަނގަޅު މުސާރައަކާއެކު ނެގުމަށް އިސްކަންދެއްވަން ފައްޓަވާފައިވާ ކަމުގައި ވިދާޅުވިއެވެ.

ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ ފަރާތުން ކުރިމަތިކުރައްވާފައިވާ ސުވާލަކަށް ވަރަށް ތަފްސީލުކޮށް ޖަވާބު ދެއްވުމާއެކު ރައީސް ވަނީ ރައްޔިތުން ބޭނުން ކޮންމެ ސުވާލެއް އެ މަނިކުފާނަށް ކުރިމަތިކުރެއްވޭނެ ކަމުގައި ވިދާޅުވެފައެވެ.