މި މަހުގެ ދެވަނަ ދުވަހުގެ ރޭ، ”ހޮޅުދޫ ބޯޓު“ ރޯވި ހާދިސާގައި ގެއްލުނު މުޝްފިގު ޝަރީފުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރަން ނިންމައިފިއެވެ.

މުޝްފިގު ގެއްލިފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލައެވެ.

އޭނާގެ މައްޗަށް ކަށުނަމާދު ކުރަން ނިންމާފައިވާކަން އިއުލާނު ކޮށްފައި ވަނީ، ލ. މާވަށު ކައުންސިލުންނެވެ. މުޝްފިގު ނިސްބަތްވަނީ އެ ރަށަށެވެ. ގެއްލުނުތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާ މުޝްފިގުގެ މައްޗަށް ކަށު ނަމާދު ކުރަނީ އޭނާގެ އާއިލާއިން އެކަމަށް އެދޭތީއެވެ.

 

މާވަށު ރަށު ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ މުޝްފިގުގެ މައްޗަށް ކަށުނަމާދު ކުރާނީ ހުކުރު ނަމާދަށްފަހު އެ ރަށު މަސްޖިދުލް ބިލާލުގައި ކަމަށެވެ.

ކަށުނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފައެވެ.

އުމުރުން 25 އަހަރުގެ މުޝްފިގު ހޯދަން އެމްއެންޑީއެފްގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު 92.42 ސްކުއެއާ ނޯޓިކަލް މޭލް ވަނީ ބަލާފައެވެ.

އަދި ޑައިވްކޮށްގެން ކަނޑު އަޑީގެ 65100 އަކަ މީޓަރު ވަނީ ބަލައިފައެވެ.