އދ. މާމިގިލީގައި ފުލުހުންގެ މަރުކަޒު ބިނާ ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތާއި ވިލާ ފައުންޑޭޝަނާއެކު އެއްބަސްވުމުގައި ސޮއިކޮށް، ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މާމިގިލީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއިކުރައްވައި، ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.

ވިލާ ފައުންޑޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިސް މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބަލް ގާސިމް އިބްރާހީމްއެވެ.

މާމިގިލީގައި ބިނާކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒަކީ ވިލާ ފައުންޑޭޝަންގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު  ގާސިމް އިބްރާހީމްގެ ހިލޭ އެހީގެ ދަށުން ބިނާކޮށްދެއްވާ މަރުކަޒެކެވެ.

މި މަރުކަޒުގައި އޮފީސް އިމާރާތާއި، ފުލުހުންގެ އެކަމޮޑޭޝަން އަދި މެސްރޫމް ވެސް ހިމެނެއެވެ.

މި އިމާރާތް ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ  އެއް އަހަރު ދުވަހުގެ ތެރޭގައެވެ.