މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވޭނެ ކަމަށާއި، އަންނަ މަހުގައި ރަށްރަށަށް އަލުން ދަތުރުތައް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގެ ތިންވަނަ އެޕިސޯޑުގައެވެ.
ރާއްޖޭގެ ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް ވެވަޑައިގެންނެވި ވައުދުފުޅެކެވެ.
ރައީސް ވިދާޅުވީ ރަށްރަށަށް ފެއްޓެވި ދަތުރުފުޅުތައް މެދުކަނޑާލެއްވީ ރޯދައަށް ކަމަށާއި، އަދި އަންނަ މެއި މަހު އަލުން އެ ދަތުރުފުޅުތައް ފައްޓަވާނެ ކަމަށެވެ.
”މިހާރުވެސް ވަރަށް ގިނަ ރަށްތަކަށް ދެވިއްޖެ. ދެން މި މަސްތެރޭގައި ދަތުރު ފަށަން އުޅުނު ނަމަވެސް އެކި ސަބަބުތަކާހުރެ އަދި ދަތުރުތައް ނުފެށޭ. އެކަމަކު އިރާދަކުރެއްވިއްޔާ މެއި މަސް ފެށޭ ތަނުން ދަތުރުތައް ފަށާނަން. ރާއްޖޭން ބޭރުގެ ދަތުރުތައްވެސް ހުންނާނެ.“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެންމެ އަވަހަށް ދަތުރު ފައްޓަވާނީ މ. މުއްޔަށެވެ. އެ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ އެއާޕޯޓް ހުޅުއްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

