ހުޅުމާލެ ފޭސް ދޭއްގައި އެޅުމަށް ހަމަޖެހިފައިވާ ތެލެސީމިއާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވެފައިވަނީ ފާއިތުވި 16 މަސްދުވަހު ހެލްތް ސެކްޓަރ ކުރިއަށް ގެންދިއުމުގައި ކުރެވިފައިވާ މުހިންމު ކަންތައްތަކާއި ކުރިއަށް ރޭވިފައި ހުރި ކަންކަމުގެ މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޭސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ނާޒިމް ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާކަމަށާއި، ކުރެހުންތައް ފައިނަލްކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ނާޒިމް ވިދާޅުވީ އަވަސް މުސްތަގުބަލެއްގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ތެލަސީމިއާ ގެ ފަރުވާ ހޯދާ ފަރާތްތަކަށް ލިބިގެންދާނެކަށެވެ.
ތެލެސީމިއާ ހޮސްޕިޓަލް އަޅަން މެލޭޝިއާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.
ތެލަސީމީއާ ހޮސްޕިޓަލް އިމާރާތްކުރުމަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވާ ސައިނޯމާ އިންޖީނިއަރިން އިންޑަސްޓްރީގެ ފަރާތުންނެވެ.

