ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ ސްކޭމްތަކުގައި ހިމެނެނީ ސައްހަ ނޫން ވެބްސައިޓްތައް ހެދުމާއި، ފިޝިން މެސެޖްތައް ފޮނުވުމާއި، އަދި އެ ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ކަމަށެވެ.
ޓެމޫގެ ނަމުގައި މައިގަނޑު ގޮތެއްގައި ތިން ސްކޭމެއް ހިންގާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފިޝިން މެސެޖްތަކާއި އީމެއިލްތައް މެދުވެރިކޮށް ސްކޭމް ހިންގާއިރު، މިއީ ޓެމޫ ނުވަތަ ކޫރިއާ ސާވިސްތަކުން ފޮނުވާ މެސެޖްތަކެއް ކަމަށް ދައްކުވައިދޭ ސައްހަނޫން މެސެޖްތަކެވެ.
މި މެސެޖްތަކުގައި އާންމުކޮށް ހިމެނެނީ އޯޑަރުގައި މައްސަލައެއް ހުރިކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަންޖެހޭ ކަމަށްބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކްތަކެވެ.
ޓެމޫގެ ނަމުގައި ކްރެޑިޓް ކާޑު ސްކޭމްތައް ހިންގާއިރު މިފަދަ ސްކޭމްތަކުގައި، ސައްހަނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިން އީމެއިލްތަކާއި އިޝްތިހާރުތަކުގައި ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭކަމަށް ބުނެ އޮޅުވާލައި، ކްރެޑިޓް ކާޑު މައުލޫމާތު ހޯދައެވެ.
އަދި 2-ޑީ ކާޑުތަކަށް އިތުރު އޮތެންޓިކޭޝަން ބޭނުންނުވާތީ، މަކަރުވެރިންނަށް މި ކާޑުތައް ފަސޭހައިން އަމާޒުކުރެވެއެވެ.
ބޭނުންކުރާ ފަރާތްތަކުން ނޭނގި ފިޝިން ސައިޓެއްގައި ކާޑުގެ މައުލޫމާތު ފުރުމުން، މަކަރުވެރިންނަށް މި މައުލޫމާތު އިތުރު ވެރިފިކޭޝަނެއް ނެތި އޮންލައިން ޕޭމަންޓް ހެދުމަށް ބޭނުންކުރެވެއެވެ.
އެފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން ގޮތް ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވުމުން މުހިންމުކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޓެމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް (ނަން ގޯސްކޮށް ނުވަތަ އަކުރެއް ނަންބަރެއް ބަދަލުކޮށްފައި ލިޔެފައި ހުރުން ނުވަތަ އާދަޔާ ހިލާފު ޑޮމެއިންތަކަށް) ސަމާލުވުމަކީވެސް މުހިންމުކަމެއް ކަމަށެވެ.
އަދި ”ޕާރުސަލް ލިބިފައި ނުވޭ“ ނުވަތަ ”ޑެލިވަރީ އެޑްރެސް ރަނގަޅު ނޫން“ ނުވަތަ ”ވަގުތުން ފިޔަވަޅު އަޅަންޖެހޭ“ ފަދަ ބަސްތަކަށް ސަމާލުވުމަށާއި ރީތިކޮށް ފަރުމާކޮށްފައި ނުހުންނަ ވެބްސައިޓްތަކަށް ސަމާލުވުމުގެ އިތުރުން ވަރުގަދަ ޕާސްވޯޑަކާއި ޓޫ-ފެކްޓާ އޮތެންޓިކޭޝަން ބޭނުން ކުރުމަކީ ސްކޭމްތަކުން ރައްކާތެރިވުމަށް މުހިންމުކަމެއް ކަމަށް ފުލުހުން ބުންޏެވެ.

