ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުކުރުމަށް “ޖެނެރޭޝަނަލް ބޭން” ކަނޑައެޅުމާއިމެދު ގޮތެއް ނިންމެވުމަށް މިއަދު ހަވީރު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި އެކަމާއި ގުޅިގެން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރޮއްޔާގެ އޮފީހުން ބުނެފިއެވެ.

ކެބިނެޓް ބައްދަލުވުން ފެށުމުގެ ކުރިން ރައީސް އޮފީސް މެދުވެރިކޮށް ރައީސް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މޯލްޑިވްސް ހެލްތު ސެޓެޓިސްޓިކް 2022 ދައްކާގޮތުން ގައިންގަޔަށް ނާރާ ބަލިތައް އެންމެ ބޮޑަށް ރާއްޖޭގައި ފެތުރެނީ އަދި ނުކުޅެންދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދުންފަތުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކާއި ކެންސަރާއި ހިތުގެ ބަލިފަދަ ބަލިތަކުން މުޖުތަމައު ސަލާމަތްކޮށްދިނުމަށްޓަކާ ސަރުކާރުން ކުރާ މަސައްކަތައް ރައްޔިތުންގެ އެއްބާރުލުންދޭންވާނެ ކަމަށެވެ.

”އެގޮތުން ޖެނެރޭޝަން ބޭންއެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގަ އަޅުގަނޑު ދެކެން. މިކަމާ ގުޅިގެން ސާވޭއެއް ސޯޝަލް މީޑިއާގަ އެކިއެކި ޒަރިއްޔާތަކުގެ ހެދިއްޖެ. އަދި އޭގެ އިތުރަށް އެކިއެކި ޖަމިއްޔާތަކާ ޑަބްލިޔުއެޗްއޯއާ ޔުނިސެފާ ވެސް މިހެންގޮސް އެކި ފަރާތްތަކާ އަޅުގަނޑުމެން މަޝްވަރާކޮށްފިން. މިއަދުގެ ކެބިނެޓް ބައްދަލުވުމުގަ އިރާދަކުރެއްވިއްޔާ މި ހުރިހާ ކަމެއްގެ އަލީގަ މަޝްވަރާކޮށް އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ސިއްހަތު ސަލާމަތްކުރުމަށްޓަކާ އަޅުގަނޑުމެންގެ ޖީލު ސަލާމަތްކުރުމަށްޓަކާ އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމައަކީ ދުންފަތުގެ އިސްތިއުމާލު ކޮށްގެން ޖެހޭ ބަލިތައް ޖެހޭ ނުޖެހޭ މުޖުތަމައަކަށް ހެދުމަށްޓަކާ މަޝްވަރާކޮށް އިރާދަކުރެއްވިއްޔާ ގޮތެއް ނިންމާނަން“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މަރުވާ މީހުންގެ ތެރޭގައި 84 ޕަސަންޓަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ގައިންގަޔަނަށް ނަރާ ބަލިތަކުގައި މަރުވާ މީހުން ކަމަށެވެ.

ގައިންގަޔަނަށް ނާރާ ބަލިތަކާ ބެހޭގޮތުން ރާއްޖޭގައި ހެދި ސާވާއެއްގެ ތަފާސްހިސާބު ދައްކާގޮތުން 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ސާވޭގައިވާ ގޮތުން 21.8 ޕަސަންޓު ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ ބައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެއީ ރާއްޖެ ކަހަލަ ކުދި އާބާދީގައުމަކުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އާބާދީއަކީ މިވަގުތު 411،7041 މީހުން ކަމަށާއި އޭގެ ތެރެއިން 2007 ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފަ އަދި މިހާތަނަށް މަރުވެފަތިބި މީހުން އުނިކޮށްފަ ބަލާއިރު އެ އަދަދަކީ 124,002 މީހުން ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އާބާދީގެ 30.1 ޕަސަންޓުކަމަށް ރައީސް ވިދާޅުވިއެވެ.