ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް، ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިޒް އެކްސެލެންސީ ސުލްތާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް، ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ.

ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިޒް އެކްސެލެންސީ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މުރްޝިދަށް، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ސައުދީ ފަންޑުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށާއި، ރައްޔިތުންގެ އާންމު ހާލަތު ކުރިއެރުވުމަށް، ވަރަށް ފުޅާ، ދާއިރާއެއްގައި ވެދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، އެއްބާރުލެއްވުމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ސަޢޫދީފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރަށް އަރުވައިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިންނާއި ދިވެހިރާއްޖޭގެ ޢިއްޒަތުގެ ގާނޫނުގެ 3 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.