އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްޕްރޮޖެކްޓްގެ ދެވަނަ އެޑިޝަނަލް ލޯންގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމެންޓާއިއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

ސައޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން، އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫއުއަށް އިތުރު ފައިނޭންސިން ގޮތުގައިދިނުމަށް ހަމަޖެހިފައި ވަނީ 63،750،000.00 (ފަސް ދޮޅަސް ތިން މިލިއަން ހަތް ސަތޭކަފަންސާސް ހާސް) ސައުދީ ރިޔާލްއެވެ. މިއީ 17 މިލިއަން ޑޮލަރެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރެވެ.

އަދި، ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާންމުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ސުލްތާން ބިން އަބްދުއްރަހްމާން އަލްމުރްޝިދެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ހަމަޖެހިގެން ދިޔަ އިތުރު މާލީއެހީގެ ސަބަބުން މި މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމުމަށް އިތުރުބާރަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އަދި މި މަޝްރޫއު ނިމުމާއިއެކު، ރާއްޖެއަށް އިގްތިސާދީ ގޮތުން ގިނަގުނަ ފައިދާތަކެއް ވެސް ލިބިގެންދާނެއެވެ.

އެގޮތުން ފަތުރުވެރިންނަށާއި އިތުރު އެއާލައިންތަކަށް ޖާގަ ލިބި، ފަތުރުވެރިކަމާއި، ވިޔަފާރި އަދި ދަތުރުފަތުރުފަދަ އިޤުތިޞާދީ ތަރައްގީއާއި ގުޅުންހުރި ސިނާއަތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެއެވެ.

މިކަމުގެ ސަބަބުން ގައުމީ އުފެއްދުންތެރި ކަމުގައި އެންމެ އިސްދައުރެއް އަދާކުރާ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.