މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ހެންވޭރު ޝީރީން ވިލާގެ ފަސްވަނަ ފަންގިފިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ، ވަނީ ނިއްވާލައިފައެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު ރޭ 02:00 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 02:18 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެ ގޭގެ ފަސްވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި އޮތް ގޮނދަޑިއެއްގައި އަލިފާން ރޯވެ ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

