މާނަވީ ގޮތެއްގައި ކީރިތި ޤުރުއާނާ ގާތްވުމަށްޓަކާ ކީރިތި ޤުރުއާން ތަޖުވީދުމަގުން ރީތިކޮށް ކިޔަވަން ސަމާލުކަން ދޭ ފަދައިން ކީރިތި ޤުރްއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަންކުރަން އަބަދުވެސް ސަމާލުކަން ދޭން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ރޭ އޮތް އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުއާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތާޖުއްދީން ސުކޫލުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ރީތިކަމާއި ފުރިހަމަކަން ކީރިތި ޤުރުއާނުގެ އިރުޝާދުގެ އަލީގައި ލިބިގަތުމަށް ބާރުއަޅުއްވާފައެވެ.

އަދި މި ފަދައިން އަމަލުތައް ބެހެއްޓުމުން ދިރިއުޅުމަށާއި މުޅި މި ޤައުމަށް ހެޔޮބަދަލު އަންނާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފައިވެއެވެ.

އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމައުއަކީ ކީރިތި ޤުރުއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމުގައި އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އީގަލްސް ކޮމިއުނިޓީއިން އިޖުތިމާއީ ކަންކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

އަދި އެފަދަ މަސައްކަތްތައް ކުރުމަށް އެކަމަނާގެ ވާހަކަފުޅުގައި ބާރުއަޅުއްވާފައިވެއެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ މުޖުތަމަޢުގެ ކަންކަން ކުރިއެރުވުމަށް ފަރުދީ ޒިންމާ އަދާކުރެއްވުމަށްވެސް ބާރުއަޅުއްވާފައެވެ.

އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުޢާން މުބާރާތް ބާއްވާފައިވަނީ ނިމިގެންދިޔަ ރަމަޟާންމަހު ތާޖުއްދީން ސުކޫލްގެ ދަރިވަރުންނަށް ހާއްސަ ކޮށްގެންނެވެ.

މި މުބާރާތުގައި ޖުމްލަ 174 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހާސިލްކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި އީގަލްސް ކޮމިއުނިޓީގެ ފަރާތުން ހުށަހެޅުއްވި ރިޕޯޓުގައި އެ ކޮމިއުނިޓީގެ ފަރާތުންވަނީ އިޖުތިމާޢީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބަލައިގެން ކިޔެވުމަށާއި ނުބަލައި ކިޔެވުމަށް އަދި ޙާފިޒުންނަށް ހާއްސަކޮށް މިއަހަރަށްވުރެ ފުޅާދާއިރާއެއްގައި އިތުރު ޤުރުއާން މުބާރާތެއް ބޭއްވުމަށް މަސައްކަތްކުރައްވާނެކަން އީގަލްސް ކޮމިއުނިޓީން ފާހަގަކުރައްވާފައިވެއެވެ.