އިންޑިއާގެ ޓްޓިކޮރިންއާ މާލެއާ ދެމެދު، މުދާ ހިފައިގެން ދަތުރު ކުރާ ބޯޓަކަށް ”އޯލްމައިޓީ ގޯޑް“ ކިޔާތީ، ޝެއިހު އާދަމް ނިޝާން ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

ބޯޓުގެ ފޮޓޯއެއް އާއްމުކުރައްވައި، ޝެއިހު ނިޝާން ވިދާޅުވީ، މުދާ ހިފައިގެން ރާއްޖެ އަންނަ ބޯޓަށް ”އެމްއެސްވީ އޯލްމައިޓީ ގޯޑް“ މިނަން ކިޔާހާ ހިނދަކު ރާއްޖެއަށް ވަނުމުގެ ހުއްދަދެވިގެން ނުވާނެ ކަމަށެވެ.

އޯލްމައިޓީ ގޯޑުގެ މާނައަކީ ހުރިހައި ކަމަކަށް ކުޅަދުއްވަންތަ އިލާހެވެ. މިއީ ހަމައެކަނި މާތްﷲ އަށް ނިސްބަތް ކުރެވޭނެ ނަމެކެވެ.

ޝެއިހު ވަނީ ކަމާބެހޭ ފަރާތްތަކުން މިކަން ހައްލު ކޮށްދެއްވުމަށް ގޮވައިލައްވައިފައެވެ. އޭނާ ވިދާޅުވީ، މިއީ އަޅައިނުލާ ދޫކޮށްލާވަރު ކަމެއް ނޫން ކަމަށެވެ.

ދިވެހީންނަކީ މުސްލިމުންގެ ހައިސިއްޔަތުން މިއީ ކަނޑައެޅިގެން ހުއްޓުވާ, ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ވެސް ޮއޭނާ ވިދާޅުވިއެވެ.

ޝެއިހުގެ މި ޕޯސްޓު ހިއްސާކުރި ގިނަ މީހުން ވަނީ މި މައްސަލައިގައި ކަންބޮޑުވުންފާޅުކޮށްފައެވެ.