ހުޅުމާލޭގައި ބިނާކުރާ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުވާނޭހެން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން އިއްޔެ އާއްމުކުރި ވީޑިއޯއެއްގައި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ކޮމާޝަލް އޭރިއާތަކާއި މީހުން ދިރިއުޅޭ ތަންތާނގައި ވެސް ނަމާދު ކުރާނެ ކޮޓަރި އެއް ފަހިކޮށް ދިނުމަށްޓަކައި އެޗްޑީސީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެހެން އިސްލާމީ ގައުމުތަކުގައި ވެސް މިފަދަ ނަމާދުކުރާ ޖާގަތައް ބިލްްޑިން ތަކުގައި ހަދާފައި ހުންނަ ކަމަށެވެ. އަދި މިފަދަ ތަނެއް ހުރުމަކީ އާންމުންނަށް ވަރަށް ބޭނުންތެރި ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮންމެ އިމާރާތެއްގެ ކައިރީގައި މިސްކިތެއް ނުހުންނާތީ، މީހުންނަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށެވެ.

