ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު ސަރަޙައްދުގައި އިމާރާތްކުރާ ދާއިމީ މިސްކިތްތަކުގެ ތެރެއިން، ދާއިމީ ތިން ފަންގިފިލާގެ މިސްކިތެއް މެއި މަހުގެ ފަހުކޮޅު ހުޅުވިގެންދާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ފޭސް 2 ގެ ދާއިމީ ބައެއް މިސްކިތްތައް މިއަހަރު ހުޅުވިގެންދާނެކަމަށާއި އެ މިނިސްޓްރީގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުޅުމާލެ ފޭސް 2 ގެ ވަގުތީ ހުރިހާ މިސްކިތްތަކެއް ނިމުމަކަށް ގެނައުން ކަމަށެވެ.

މެއި މަހުގެ ފަހުކޮޅު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަނީ އަމިއްލަ ފަރާތަކުން އިމާރާތް ކުރާ މިސްކިތެކެވެ. އެ މިސްކިތުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ފިނިޝިން މަސައްކަތްތައްކަން ފާހަގަކޮށްލެވެއެވެ.

ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަ ކުރުމަށްޓަކައި މިހާރުވެސް ގިނަ މިސްކިތްތަކެއް އިމާރާތް ކުރެވެމުންދާއިރު، މި މިސްކިތްތަކުގެ މަސައްކަތްތައް އަވަސް ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް އިމާރާތް ކުރާ ފަރާތްތަކާއި ގުޅިގެން ކުރަމުންނެވެ.