މަޢުލޫމާތު ހިއްސާކުރެއްވުމަކީ ހާއްސަ އިސްކަމެއް ދެއްވާކަމެއް ކަމަށާއި، މާތް ﷲ ގެ އިރާދަފުޅާއެކު އަންނަ މެއި މަހުގެ ތިން ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ، މެއި މަހުގެ ތިންވަނަ ދުވަހު، ނޫސްވެރިންނާ ބައްދަލުކުރައްވާނެކަން ރައީސް ހާމަ ކުރައްވާފައި ވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާކުރައްވައި، ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މެއި މަހުގެ 3 ވަނަ ދުވަހު އެމަނިކުފާނު ކުރިއަށް ގެންދަވާ ނޫސް ކޮންފަރެންސްގައި ކޮންމެ ކަހަލަ ސުވާލެއްވެސް ކުރިމަތިކުރެއްވިދާނެ ކަމަށާއި، މިހާރުން ފަށައިގެން އެކަމަށް ތައްޔާރުވެވަޑައިގެންނެވުމަށް، ނޫސްވެރިންނަށް ދައުވަތު ދެއްވާފައެވެ.
މީގެ އިތުރުން ޓީވީ ސްޓޭޝަނަކުން ދަޢުވަތު ދެއްވައިފިނަމަ، އެ ސްޓޭޝަނަކުން ކުރިއަށް ގެންދަވާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބުދެއްވުމަށްވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ހުރިހާވެސް އަމާޒަކީ ނަތީޖާ ނެރެދެއްވުން ކަމަށާއި، އެހެންކަމުން ގިނަ ވަގުތު ހޭދަކުރައްވަނީ މަސައްކަތުގެ ތެރޭގައި ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، މައުލޫމާތު ހިއްސާ ކުރެއްވުމާ ގުޅުން ހުރި ކަންކަމަށް ވަގުތު ހުސްކުރައްވާނެ ކަމަށާ، ކުރިއަށް އޮތްތަނުގައި ސީދާ ނޫސްވެރިންނަށްވެސް ވަގުތު ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާކުރައްވައި، ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެކެވެ.

