މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށްޓަކައި މި ސަރުކާރުން ފައްޓަވާފައިވާ ގިނަ މަސައްކަތްތަކެއް މިއަހަރާއި އަންނަ އަހަރު ތެރޭ ނިމި، އަމަލީ ގޮތުން އޭގެ ފައިދާ ކުރަންފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މި ޚަބަރު ދެއްވާފައިވަނީ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގެ ހަތަރު ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، މަހާއި މަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމަށް، ނުވަތަ ވެލިއު އެޑްކުރުމަށް ގިނަ މަޝްރޫއުތަކެއް ފައްޓަވާފައިވާކަމަށެވެ.
އެގޮތުން، މި ދައުރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ކަޅުބިލަމަސް ރައްކާކުރުމުގެ ގާބިލުކަން، މިހާރު ހުރި 8500 ޓަނުން އިތުރުކުރުމަށް ފައްޓަވާފައިވާ މަޝްރޫއު، ބާރު ދުވެލީގައި ނިމި، ފަންސަވީސް ހާސް ޓަނާ ހަމައަށް އިތުރުކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ހަމަ މި މުއްދަތުގެ ތެރޭގައި ޕްރޮސެސިންގ ކެޕޭސިޓީ، މިހާރު ހުރި 115 ޓަނުން 355 ޓަނާ ހަމައަށް އިތުރުކުރެވޭނޭކަމަށްވެސް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ.
އަދި މި މަޝްރޫއުތަކަކީ ކަންބޮޑުވުމެއް ނެތި ކުރިއަށްދާނޭ މިންވަރަށް އިންތިޒާމުތައް ހަމަޖެހިފައިހުރި މަޝްރޫއުތަކެއްކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވާފައިވެއެވެ.
މިއަދުގެ އެޕިސޯޑުގައި އެމަނިކުފާނު ވަނީ، ތެލާއި އައިސް ލިބުމުގައި މަސްވެރިންނަށް ކުރިމަތިވާ އުނދަގޫތަކަށް ލުއިކަމެއް ހޯއްދަވައިދެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.
އުމްރާނީ ތަރައްގީގެ ގޮތުން ކަމުގައިވިޔަސް އަދި ވަސީލަތް ގާއިމުކުރެއްވުމުގެ ގޮތުންކަމުގައިވިޔަސް، މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރެއްވުމަށް ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަންކަން ކުރައްވަނީ، މަސްވެރިންގެ އަޑު ގާތުން އައްސަވައިގެން، ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް، މިއަހަރު ނިމެން ވާއިރަށް ކޮންމެ އަތޮޅެއްގައި، ކަނޑައެޅިފައިވާ ރަށަކުން، އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އެކި ރަށްރަށުގައި ފަށާފައިވާ އައިސް ޕްލާންޓްތަކުގެ މަސައްކަތްތަކާއި، ކޯލްޑް ސްޓޯރޭޖް އަދި ޕްރޮސެސިންގ ފެސިލިޓީތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމުގެ މައުލޫމާތު އެމަނިކުފާނު ހާމަކުރެއްވިއެވެ.
އާރްއެސްޑަބްލިއު ނިޒާމުތަކަކީ މަސްވެރިކަމުގެ މުސްތަގުބަލުގެ ގޮތުގައި ސިފަކުރައްވަމުން އެމަނިކުފާނު ވަނީ، އެކަމަށް ބޭނުންވާ އިތުރު ލޯނުތައް ދޫކުރެއްވުމަށް ހަމަޖެހިފައިވާކަންވެސް ހާމަކުރައްވާފައެވެ.
ޕޮޑްކާސްޓުގައި އެމަނިކުފާނު ވަނީ، ދައުރުގެ ނިމިދިޔަ ދުވަސްތަކުގައި މަސްވެރިންނަށް ފައިސާ ލިބޭނޭ ދެމެހެއްޓެނިވި އިންތިޒާމެއް ހަމަޖެއްސެވުމަށް ކުރެއްވި މަސައްކަތަށް އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް، 48 ގަޑިއިރު ތެރޭ ފައިސާ ދެވޭ ގޮތަށް ކުރެއްވި އިންތިޒާމުގެ ނަތީޖާއެއްގެ ގޮތުން، ކުރީގައި ދޯނިން ފޭބި ޒުވާނުން އަލުން މަސްވެރިކަމާ ގުޅިފައިވާކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ.
ގަވާއިދުން ފައިސާ ލިބޭނޭ ކަމުގެ އިތުބާރު ޒުވާނުންނަށް ލިބުމުން، ދިވެހި މަސްދޯނިތަކުގައި މަސައްކަތްކުރަނީ ދިވެހިން ކަމުގައި ހެދުމަށް ހިއްޕަވާފައިވާ އަމާޒަށް ވާސިލުވުމުގެ މަގުވެސް ތަނަވަސްވެގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުންފެށިގެން މިއަދާ ހަމައަށް، އެންމެ ދުވަހެއްވެސް ވައްޓާނުލައި މަސްވެރިންނަށް ފައިސާ ދެވެމުންދާކަމަށާއި، މި މުއްދަތުގެ ތެރޭގައި 470 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކުރައްވާފައިވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިންނަށް މާލީ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އުފެއްދެވި މަސްވެރިންގެ ދަފުތަރުގައި މަސްވެރި ދޯނިތަކުގެ 95 އިންސައްތަ މިހާތަނަށް ދަފުތަރުވެފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ވަކި ވަކި މަސްވެރިން ދަފުތަރު ކުރެވެމުންދިއުމުން، މަސްވެރިކަމަކީ ދެމެހެއްޓެނިވި އާމްދަނީ ލިބޭ ކަމެއްގެ ގޮތުގައި ބޭންކުތަކުން ބަލައިގަންނާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމަށް ބޭނުންވާ ކަނދުފައްޗަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މި ދައުރުގެ މިހާތަނަށް 18 ވަދު ކަނދުފަތި ޤާއިމުކުރެވިފައިވާކަމަށާއި، ކަނޑައިގެންދިޔަ 21 ކަނދުފަތިވެސް އަލުން ޤާއިމުކުރެވިފައިވާކަމަށެވެ. އަދި މަސްވެރިންގެ ރައްކާތެރިކަމަށްޓަކައި، ރެސްކިއު ޑައިވިންގ ކޯސްތައް ހިންގައި، 56 ދޯންޏަކުން 56 ރެސްކިއު ޑައިވަރުން ތަމްރީނުކުރެވިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން، ޤައުމީ ޔުނިވަރސިޓީގެ މޯލްޑިވްސް ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް އިން 45 ދަރިވަރަކަށް ބެޗެލަރސް އޮފް ފިޝަރީޒް މެނޭޖްމަންޓް ކިޔެވުމަށް ފުލް ސްކޮލަރޝިޕްގެ ފުރުސަތު ދެއްވަމުން ގެންދަވާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުންވެސް ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

