ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން އެކަމަށް ދޫކުރާ ހާއްސަ ލައިސެންސެއް ނަގަން ހެލްތު މިނިސްޓްރީން އަންގައިފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން، ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްކުރާ ފަރާތްތަކަށް ލާޒިމުވާ އަދި އެ ގަވާއިދުގެ 17 ވަނަ މާއްދާ ގައި ބަޔާން ކޮށްފައިވާ ލައިސަންސްތައް ހޯދުމަށާއި، ގަވާއިދުގެ 26 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، ރާއްޖެއަށް އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރެޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން ލިސްޓް ކުރެވިފައިވާ ހިދުމަތްތައް ލިބިގަތުމަށް (ވަންގަވް) ޕޯޓަލް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެޕްލިކޭޝަން ހުށަހެޅުމަށް ބަޔާނުގައި ވަނީ އެދިފައެވެ.

ފަސް އަހަރު ދުވަހަށް ދޫކުރާ ހުއްދަތަކާއި ހުއްދަ ތަކަށް ދައްކަންޖެހޭ ފީ ގެ ތަފްސީލު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ހުއްދަތަކަށް ދައްކަންޖެހޭ ފީތައް؛

– ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކީން ވިއްކަން ދޫކުރާ ލައިސަންސް – 5000 ރުފިޔާ

– ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސް – 10,000 ރުފިޔާ

– ދުންފަތުގެ ބާވަތްތައް ރީ-އެކްސްޕޯޓްކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސް – 10,000 ރުފިޔާ

– ސްމޯކިން ރޫމް ނުވަތަ ސްމޯކިން އޭރިއާގެ ލައިސަންސް – 10,000 ރުފިޔާ

އޭގެ އިތުރުން މިހާރު ދުންފަތުގެ ވިޔަފާރި ކުރަމުންދާ ފަރާތްތަކުން ވެސް ތިން މަސްދުވަހުގެ ތެރޭގައި ލައިސަންސް ނެގުމަށް ވަނީ އަންގާފައެވެ.

ދުންފަތުގެ ވިޔަފާރިއަށް ހުއްދަ ދޫކުރަނީ ކަނޑައެޅިފައިވާ ފީ ދެއްކުމުން ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.

ލައިސަންސް އާ ކުރަން އެދޭ ފަރާތްތަކުން މުއްދަތު ހަމަވުމުގެ 60 ދުވަސް ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހެއެވެ.

ފަސް އަހަރު ދުވަހަށް ދޫކުރާ ހުއްދަތަކާއި ހުއްދަ ތަކަށް ދައްކަންޖެހޭ ފީ ގެ ތަފްސީލު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.