މަސްޖިދުއް ނަބަވީގެ އިމާމު ޑރ. ސަލާހުލްބުދައިރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިކަން ހާމަކުރެއްވީ މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

މިނިސްޓަރު ޝަހީމް މީގެ ކުރިން ވިދާޅުވެފައިވަނީ އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހުސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތުގައި، މަދީނާގެ ހަރަމްފުޅުގެ އިމާމް އަދި ހަތީބު ޝައިހު ޑރ. ސަލާހުލްބުދައިރު، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

ސައުދީ ރަސްގެފާނު ސަލްމާން އެކަމަށް ހުއްދަ ދެއްވާފައިވާ ކަމަށް ވެސް އޭރު ވިދާޅުވިއެވެ.

އެ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވުމުގެ އިތުރުން އާންމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވައި، ރާއްޖޭގެ އިލްމުވެރިންނާ ބައްދަލުކުރައްވަވާނެއެވެ.

އަދި ސަލްމާން މިސްކިތަށް ޒިޔާރަތް ކުރައްވައި، އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރައްވަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާނެ ކަމަށްވެސް ޝަހީމް ވިދާޅުވެފައިވެއެވެ.