މި އަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.

ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް މި އަހަރު ވަނީ ދާއިރާއެއް އިތުރުކޮށްފައެވެ.

ގައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އަލަށް ހުޅުވާލާފައިވާ ދާއިރާއަކީ ޕެޓިޝަރީ އެންޑް ބޭކިންގގެ ދާއިރާއެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބައްލަވާނެ ރޮނގުތަކުގެ ތެރޭގައި، ކޭކުއެޅުމާއި، ކޭކު ޑެކަރޭޓްކުރުމުގެ ފަންނު ކުރިއެރުވުމާއި، ޕޭސްޓްރީއާއި ތަފާތު ޑެޒާޓް އުފެއްދުން ހިމެނެއެވެ.

ގައުމީ އިނާމުގެ ގޮތުގައި ދޭން ހަމަޖެހިފައި ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.

ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.

ގައުމީ އިނާމަށް އެދޭ ފޯމާއި، ފޯމާއެކުގައި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ، ޕޯޓަލް މެދުވެރިކޮށްގެންނާއި، ފޯމާއި ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ރައީސް އޮފީހަށް ހުށަހަޅައިގެންނެވެ.

ޕޯޓަލް މެދުވެރިކޮށް ހުށަހަޅާނަމަ ހުށަހަޅާނީ، https://apply.presidency.gov.mv އަށެވެ.

ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ހުށަހަޅާނީ، ރައީސް އޮފީހުގެ ރިސެޕްޝަނަށެވެ.