ގައުމީ ދިފާއީ ބާރުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ ޝުކުރުވެެރިވުން ހައްގު މަސައްކަތްޕުޅުތަކެއް ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޣައްސާން މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވަނީ ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި، ސިފައިންގެ ލީޑަރޝިޕަށާއި، ހިތްވަރުގަދަ ދިވެހި ސިފައިންނަށާއި އަދި ސިފައިންގެ އާއިލާތަކަށް ތަހުނިޔާ އަރިސްކުރައްވާފައެވެ.
ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް މި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުން ވަނީ އެމްއެންޑީއެފް އެއާކޯ އިފްތިތާހުކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ހިދުމަތް ތައާރަފު ކޮށްފައެވެ.

