ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި، އެކި ޒަމާނާއި އެކި ޙާލަތްތައް ބަދަލުވަމުންދާ ދިއުމުގައި، ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ، މަސަލަސްކަމާއި މަޖްދާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ދިވެހި ސިފައިންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި މި ގައުމު އެއް ވެރިކަމެއްގެ އަމުރުމައުރޫފުގެ ދަށުގައި، މުސްތަގިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ، ގައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ހިފަހައްޓައިދިނުމަށް ކެނޑިނޭޅި ބަޔަކުވީ ގުރުބާނީގެ ސަބަބުންކަމުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި މި ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރީ، ގައުމު ދިފާޢުކޮށް، އަމާންކަމާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ ދިވެހި ސިފައިންކަން ފާހަގަކުރެއްވިއެވެ.

ގައުމަށްޓަކައި ސިފައިން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިފައިން، އަމިއްލަ ނަފުސާއި އާއިލާތަކަށްވުރެ އަބަދުވެސް އިސްކުރަނީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތުކަމުގައި ވިދާޅުވެފައެވެ.

އަދި ގައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރައުފުލުމުގައި އިސްނެގީ ދިވެހި ސިފައިންކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

”ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ޤައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި އަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް“ ކަމުގައި ރައީީސްގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރައީސް ވަނީ ތަހުނިޔާގެ ޕޯސްޓެއްވެސް އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާ ކުރައްވާފައެވެ.

ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގައި މި ގައުމު ދެމިއޮތުންކަމަށާއި، ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ގުރުބާނީއާއި ނުގުޑާ އަޒުމުން ކަމުގައި އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވިއެވެ.