ސޯޝަލް މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކާ ގުޅޭ އަދާހަމަ އެސް.އެމް.އެސް މެދުވެރިކޮށް ފޮނުވާ ގޮތް ހަމަޖައްސައިފިއެވެ.
މި ނިޒާމު ތައާރަފުކުރުމުގެ ކުރިން، ވުޒާރާއިން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން ހިދުމަތް ހޯދާފައިވާ ފަރާތްތަކުގެ ހިޔާލު ހޯދައި، ހިދުމަތުގެ ފެންވަރާއި އިތުރަށް ރަނގަޅުކުރެވިދާނެ ކަންތައްތަކާ ގުޅޭ މައުލޫމާތު އެއްކުރެވުނެވެ.
މި ދިރާސާއިން ދައްކާގޮތުގައި، އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ހުށަހެޅިކަން އެނގޭނެ ގޮތެއް ނެތުމާއި، މައްސަލައާ ގުޅޭ އަދާހަމަ މައުލޫމާތު ލިބުމުގައި ލަސްތަކެއްވާކަމީ ސޯޝަލް މިނިސްޓްރީއަށް ލިބޭ އެންމެ ބޮޑު އެއް ޝަކުވާއެވެ.
ސޯޝަލް މިނިސްޓްރީން ބުނީ، މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ މައުލޫމާތު، ހުށަހަޅާ ލިޔެކިޔުމުގައި ބަޔާންކޮށްފައިވާ ފޯނު ނަންބަރަށް އެސްއެމްއެސްގެ ޒަރީއާއިން ލިބޭނެ ނިޒާމެއް މިހާރު ވަނީ ތަޢާރަފުކުރެވިފައި ކަމުގައެވެ.
އެ މިނިސްޓްރީން ބުނީ، އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުންނާ ގާތުން، ލުއިފަސޭހަ ގޮތަކަށް، އޯގާތެރިކަމާއި ހިތްހެޔޮކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
މި އައު ނިޒާމަކީ އެ މަގްސަދު ހާސިލުކުރުމަށް އެޅޭ އިތުރު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

