މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު މިޔަންމާގެ މަންޑަލޭ ކައިރިއަށް 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައި އިރު، އޭގެ ބާރަ މިނެޓު ފަހުން 6.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވަނީ ގާތްގަނޑަކަށް 31 ކިލޯމީޓަރު ދެކުނުންނެވެ.

މި ދެ ބިންހެލުމުގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފައެވެ.

ސާގިން ފޯލްޓްގެ 10 ކިލޯމީޓަރު އަޑިން އުފެދުނު މި ބިންހެލުމުގެ  ސަބަބުން ބޮޑެތި ލޮޅުންތައް އުފެދި، އިމާރާތްތައް ވެއްޓި، ގާތްގަނޑަކަށް 1،000 ކިލޯމީޓަރު ދުރުގައި އޮންނަ ތައިލެންޑުގެ ބެންކޮކާ ހަމައަށް ގެއްލުންތައް ލިބުނެވެ.

ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީ (ޖޭޕީއެލް) ގެ ސައިންސްވެރިން މިހާރު ވަނީ ރާޑަރާއި އޮޕްޓިކަލް ސެޓެލައިޓް ޑޭޓާ ބޭނުންކޮށްގެން، މި ބިންހެލުންތަކުގައި އަރާފައިވާ، ހީވެސް ނުކުރާ ފަދަ ލޮޅުންތަކުގެ ހަރަކާތްތައް ދައްކުވައިދީފައެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ސެންޓިނެލް-1އޭ ސިންތެޓިކް އެޕާޗާ ރާޑަރާއި ސެންޓިނެލް-2 އޮޕްޓިކަލް ސެޓެލައިޓްތަކުގެ ފޮޓޯތައް ބޭނުންކޮށްގެން ޖޭޕީއެލް އާއި ކެލްޓެކްގެ އެޑްވާންސްޑް ރެޕިޑް އިމޭޖިން އެންޑް އެނަލިސިސް (އޭއާރްއައިއޭ) ޓީމުން ވަނީ ބިންހެލުން އައި ސަރަހައްދުގެ ތެރޭގައި ހުރި ”ގްރައުންޑް ޑިސްޕްލޭސްމަންޓްތައް“ ދެނެގަނެފައެވެ.

އަދި ބައެއް ސަރަހައްދުތަކުގައި 10 ފޫޓަށްވުރެ ބޮޑު ގްރައުންޑް ޝިފްޓްތަކެއް ހުރިކަމަށާއި، ޖުމްލަ ފޯލްޓް އޮފްސެޓްތައް 6 މީޓަރަށްވުރެ މައްޗަށް ގޮސްފައިވާކަން ހޯދިފައިވެއެވެ.

މި ބިންހެލުމުގައި، ގާތްގަނޑަކަށް 550 ކިލޯމީޓަރު ގެ ދިގު ސަރަހައްދެއް ފަޅައިގެން ދިޔައިރު، މި ފަޅައިގެން ދިއުމަކީ މިހާތަނަށް ރިކޯޑު ކުރެވުނު އެންމެ ދިގު ”ސްޓްރައިކް-ސްލިޕް ސާފޭސް“އެވެ.

މި ބިންހެލުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ”ސުޕަޝީއާ“ ހާދިސާއެއް ކަމަށް ސައިންސްވެރިން ބުނެއެވެ. ބިންހެލުން އައި ސަރަހައްދާ މާ ދުރަށް ގެއްލުން ލިބުނީ މި ސަބަބާ ހުރެ ކަމަށްވެއެވެ.

މިއީ 1912 ވަނަ އަހަރުގެ ފަހުން މިޔަންމާއަށް އައި އެންމެ ބާރު ގަދަ ބިންހެލުމެވެ.