އެމަނިކުފާނުގެ ތަސައްވުރަކީ ދުރުނޫން މުސްތަގުބަލެއްގައި ދިވެހި ސިފައިންގެ ހިދުމަތުގެ އާމީ، ނޭވީ އަދި އެއާފޯސް ގާއިމު ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިފައިންގެ 133ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ، ގާނޫނުން ދިވެހިރާއްޖެ ހިމާޔަތްކުރުމަށް ސިފައިންގެ މައްޗަށް ލާޒިމުކޮށްފައި ވިޔަސް އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުވެފައި ނެތް ކަމަށެވެ.
އެގޮތުން، ކޯސްޓުގާޑުގެ އުޅަނދުތައް ވެސް ހުރީ ވީރާނާވެ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޯސްޓުގާޑެކޭ އެއްގޮތަށް ސިފައިން ބޭނުންކުރާ އެއްގަމު އުޅަނދުތަކުގެ ހާލަތު ވެސް ހުރީ ވަރަށް ގޯސްކޮށް ކަމަށާއި، އެހެންވެ، ކޯސްޓުގާޑުގެ ކެޕޭސިޓީ ދެގުނައަށް އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ސިފައިންގެ ފެންވަރު މަތިކުރުމަށާއި ވަސީލަތްތައް ހޯދައިދިނުމާއި ބާރު ވަރުގަދަ ކުރުމަކީ ފަހުރުވެރިވާން ޖެހޭ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ސިފައިންނަށް ތަކެތި ހޯދައިދިނުމުން ލަދު ގަންނަނަމަ ގައުމީ ލޯބި އޮތް ހިސާބެއް ދެނެގަތުމަށް އަމިއްލަ ނަފުސާ ސުވާލު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމީ ލޯބި ހުންނަ ކޮންމެ މީހަކު ސިފައިންނަށް ސަރުކާރުން ހޯދައިދޭ ކޮންމެ ކުރިއެރުމަކަށް ފަހުރުވެރިވާން ޖެހޭނެ ކަމަށާއި މިއީ ގައުމީ ވާހަކައެއް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

