133 ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ ރޭ ބާއްވައިފިއެވެ.

ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ޖަލްސާގައި ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަނީ ސިފައިންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

 

 

މީގެއިތުރުން، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ވެސް ސިފައިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ.

މި ޖަލްސާގައި، ސިފައިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހައްގުވާ 49 ފަރާތަކަށް ވަނީ މެޑެލި ހަވާލުކޮށްދެއްވާފައެވެ.

އަދި ފާއިތުވި އަހަރު ސިފައިންގެ ތެރެއިން އެންމެ ހަށިހެޔޮ އަންހެން އަދި ފިރިހެން ސިފައިންގެ މީހާއާއި އެންމެ ފިޓް ޔުނިޓް އިޢުލާނުކޮށް އެ ފަރާތްތަކަށް ވަނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

އެގޮތުން އެންމެ ހަށިހެޔޮ އަންހެން ސިފައިންގެ މީހަކަށް ހޮވިފައިވަނީ ކްއާޓަރ މާސްޓަރ ސަރވިސް ގެ ކޯޕްރަލް އައިޝަތު ނާޒްނީންއެވެ.

އެންމެ ހަށިހެޔޮ ފިރިހެން ސިފައިންގެ މީހަކަށް ހޮވިފައިވަނީ މެރިން ޑިޕްލޯއިމެންޓް ޔުނިޓް 3 ގެ ސްޓާފް ސާޖަންޓް ޙުސެއިން ފަޟީލް ހާރޫންއެވެ.

އެންމެ ފިޓެސްޓް ޔުނިޓަކީ ސްޕެޝަލް ފޯސަސްއެވެ. އަދި މީގެއިތުރުން ޕާކިސްތާނުގައި ބޭއްވި ބައިނަލްއަގުވާމީ މުބާރާތެއް ކަމުގައިވާ ޕެޓްސް (ޕާކިސްތާން އާމީ ޓީމް ސްޕްރިޓް) މުބާރާތުގައި، ސްޕެޝަލް ފޯސަސްގެ ޓީމެއް ވާދަކޮށް ރިހި މެޑެލި ހާސިލުކޮށްފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެގޮތުން ވަނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

މިފަރާތްތަކަށް ފިލާ ހަވާލުކޮށްދެއްވީ ރައީސް މުއިއްޒުއެވެ.

 

 

ރޭގެ  ޖަލްސާގެ ހަވާސާގައި، މި މަހުގެ ތެރޭގައި ދަސްވެނިވުނު ސިފައިންގެ 71 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ސިފައިންގެ ހުވާ ލައިދެއްވުމާއި ބަޑި ހަވާލުކުރުން ވެސް ވަނީ ބާއްވާފައެވެ.

ދަރިވަރުންނަށް ހުވާ ލައިދެއްވީ، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒްއެވެ. ބަޑި ހަވާލުކޮށްދެއްވީ ރައީސްއެވެ.

އަދި ސިފައިންގެ މީހުންނަށް ބަޑިހަވާލުކުރާ އިރު އަންގާ އެންގުން އިއްވައިދެއްވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ގިޔާސްއެވެ. 71ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވެ، ހުވާކޮށްފައިވަނީ 115 ދަރިވަރުންނެވެ.

މީގެ ތެރޭގައި 10 އަންހެން ސިފައިންނާއި 105 ފިރިހެން ސިފައިން ހިމެނެއެވެ.

133 ވަނަ ސިފައިންގެ ދުވަހުގެ މި ޖަލްސާގައި، ”ހަށިހެޔޮކަމުގެ ކުލަ“ މިނަމުގައި އައު ޝަރަފުގެ ނިޝާނެއް ވެސް ވަނީ ތަޢާރަފުކުރައްވާފައެވެ.

މި ޝަރަފުގެ ނިޝާނަކީ ހަށިހެޔޮކަމުގެ އަސާސީ މިންގަނޑުގެ އެންމެ މަތީ ފެންވަރުގައި ދަމަހައްޓާ ސިފައިންނަށް ދެވޭ ޝަރަފުގެ ނިޝާނެކެވެ.