މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިހު ޑރ. ސަލާހުލް ބުދައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސްގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިހު ޑރ. ސަލާހުލް ބުދައިރަށް މަރުހަބާ ދަންނަވާ، ސައުދީ އަރަބިއްޔާ އާއި ދިވެހިރާއްޖޭގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އަދި، މިދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޑރ. ސަލާހުލް ބުދައިރުގެ މި ދަތުރުފުޅަކީ، ވޭތުވެދިޔަ 41 އަހަރުގެ ތެރޭގައި މަސްޖިދުއްނަބަވީގެ އިމާމަކު ރާއްޖެއަށް ޒިޔާރާތްކުރެއްވި ފުރަތަމަ ފަހަރުކަމަށްވެސް ފާހަގަކުރެއްވިއެވެ.
ޑޮކްޓަރ ސަލާހުލް ބުދައިރުގެ ވާހަކަފުޅުގައި އެމަނިކުފާނަށް ރާއްޖެއިން އެރުވި ދައުވަތާއި މެހެމާންދާރީއަށް ޝުކުރުދެންނެވިއެވެ.
އަދި، ދެ ގައުމުގެ މެދުގައި އޮތް ގުޅުމަކީ އިސްލާމީ ވަހުދަތުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއްކަމަށް ވިދާޅުވެ، އެގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭގޮތުން އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޑރ.ސަލާހުލް ބުދައިރު ވަނީ، ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލްސައުދު އާއި އެ ގައުމުގެ ވަލީ އަހުދު ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒު އަލްސަޢޫއުދު ގެ ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް އަރިސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީގައި، ހާއްސަކޮށް އިސްލާމީ ތައުލީމު ފުޅާކުރުމުގައި، ސައުދީ އަރަބިއްޔާގެ ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އަދި ހައްޖާއި އުމްރާގެ އަޅުކަމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމާއި، ހައްޖާއި އުމްރާވެރިންނަށް ސަޢޫދީ ސަރުކާރުން ފޯރުކޮށްދެމުންދާ މެހެމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ ޝުކުރެއް ދެންނެވިއެވެ.
ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، މަސްޖިދުއް ނަބަވީގެ އިމާމުގެ މި ތާރީހީ ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވަމުންނެވެ.

