ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރައްވައި މަޝްވަރާކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވެވީ މިއަދު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރުންގެ އިތުރުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ އަދާހަމަ މަޢުލޫމާތުވެސް ހިއްސާކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.

މިގޮތުން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕ.ލ.ސ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލސ، އަދި މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ވަނީ އެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަޝްރޫއުތައް ނިންމަވަން ކަނޑައަޅުއްވާފައިވާ ތާރީހުތަކަށް މަޝްރޫޢުތައް ނިންމެވުމަށް ބާރުއަޅުއްވައި އެކަންކަން ފުރިހަމަކުރެއްވުމަށް ބޭނުންވާކަންކަން އޮޅުންފިލުއްވާފައެވެ.

އަދި ވަޒީރުންނާއި ކުންފުނިތަކުގެ އެމް.ޑީ އިން ފާހަގަކުރެއްވި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވައި، މަޝްރޫއުކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ވީހާވެސް ގިނައިން ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވައި ދެފުއްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުމަށްވެސް ބާރުއެޅުއްވިއެވެ.