ކައިވެނި ނުކޮށް ތިބި ޒުވާނުންނަށާއި، އެކަމަށް ތައްޔާރުވަމުންދާ ޒުވާނުންނަށް ވެސް މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީީސް މިހެން ވިދާޅުވީ، ޕޮޑްކާސްޓެއްގައި ޒުވާނަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދު ފަދަ އަބާދީ ތޮއްޖެހިފައިވާ ތަންތަނުގައި ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، ޒުވާނުންނަށާއި، އެހެން އުމުރުގެ މީހުންނަށް ވެސް ގެދޮރުގެ ދަތިކަން އެބައޮތް ކަމަށެވެ.

މާލެ އޭރިއާގައި ބިން އުފައްދަން ޖެހޭއިރު، ހައުސިން ޔުނިޓު އެޅުމުގެ އިތުރުން ލޯނު ގެދޮރު އެޅުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ ގޮތްތައް ވެސް ފަހިވެފައި އޮންނަންޖެހޭކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވަނީ، އެ ހުރިހައި ދިމާލަކަށް ފޯކަސް ކުރެވިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އަދި ޒުވާނުންގެ ތެރެއިން ކައިވެނި ނުކޮށް ތިބި ފަރާތްތަކާއި، އެކަމަށް ތައްޔާރު ވަމުންދާ ޒުވާނުންނަށް ވެސް ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު މި ސަރުކާރުގައި، ލިބިގެންދާނެ ކަމަށެވެ.

”މިސާލަކަށް، ބައެއް ކުދިންނަށް ކައިވެނި ނުކުރެވޭ، ވަންނާނެ ތަނެއް ނެތިގެން ވެސް. އެހެންވީމަ، އެކި ކެޓަގަރީސްތަކެއް އެބަ ހުންނަންޖެހޭ.“ ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަކީ ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅެވެ. އެމަނިކުފާނުގެ ވެރިކަމުގެ މި ދައުރުގައި، މި މައްސަލަ ހައްލު ކުރައްވާނެ ކަމަށް ރައީީސް ކުރިން ވިދާޅުވެފައިވެއެވެ.

 

 

ަ

ި