ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި، ފުލުހުން މިހާތަނަށް އާއްމުކުރި މައުލޫމާތުގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

ހުކުރު ވިލޭރޭ، ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް، ގެއެއްގެ 9 ވަނަ ފަމްފިލާއިން ވެއްޓިފައި ވަނީ، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނާއެވެ. އެރޭ  އޭނާއާއެކުގައި 5 ފިރިހެނުންނާއި ދެ އަންހެނަކު އުޅުނެވެ.

ޔުމްނާ ވެއްޓުމުގެ ކުރިން އޭނާއާއެކު 21 އަހަރުގެ ފިރިހެނަކު އުޅުނެވެ. އޭނާގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އޭނާ ފުރުން މަނާކޮށްފައިވެއެވެ.

މި މައްސަލައިގައި ޔުމްނާ އަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި، ރޭ ޒުވާނުންތަކެއް ވަނީ އަޑު އުފުލައިފައެވެ.

ޒުވާނުންގެ މުޒާހަރާ ކުރިއަށް ގެންދަނިކޮށް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަޒާމް ވިދާޅުވީ، ޒުވާނުންގެ އަޑު ސަރުކާރުން އަހަން ޖެހޭ ކަމަށެވެ.

”ފުލުހުން މިހާތަނަށް އާއްމުކުރި މައުލޫމާތުތަކުގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަހުރި. މިބާވަތުގެ އެހެން މައްސަލަތަކުގައި އަމަލުކުރަމުން އަންނަގޮތްތަކާއި ތަފާތު ގޮތްތަކަށް އަމަލުކުރައްވާ ނަމަ، އެ ތަފާތު ގެންނަވާ ސަބަބު ސާފުވާންޖެހޭނެ.“ އޭނާ ވިދާޅުވެފައިވެއެވެ.

އަޒާން ވިދާޅުވީ، އަނިޔާ ލިބުނު ޒުވާނާއަށް އިންސާފު ލިބޭނެކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން އާއްމު ކުރި މައުލޫމާތާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވާއިރު، މި މައްސަލައިގައި މިއަދު ހެނދުނު އިތުރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.