މި މަހުގެ 18 ވީ ހުކުރުވިލޭރޭ، މާލޭގެ ގެއެއްގެ ފުރާޅުމަތިން ވެއްޓުނު ޒުވާން އަންހެންކުއްޖާއާއެކު އުޅުނު އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލް ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ހ.މިޓާޒްގޭ ފުރާޅަށް ހައްވާ ޔުމްނު ވެއްޓުނު މައްސަލައިގައި، މާލެ، ގަލޮޅު އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް، މިރޭ 18:20 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ވެއްޓުނު އަންހެންމީހާ ވެސް ހިމެނޭ ގޮތަށް އެރޭ އޭނާއާއެކު އުޅުނު 7 މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ވެސް ބުންޏެވެ.

މި މައްސަލައާ ގުޅިގެން މާންދޫގެ ދެކުނުގެ ޓެރެސްއާއި، 2 އަދި 4 ވަނަ ފަންގިފިލާގެ އިތުރުން، ކަށިވެލި 3 ވަނަ ފަންގިފިލާ ވެސް ބަލާ ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އަންހެން ކުއްޖާ ވެއްޓުމުގެ ކުރިން، ރައުދުއާއެކު ވަދެ އުޅުނު ގެ، ހ.ފެންޓޮނޯއީ އަށް ނޫސްވެރިން ވަދެ، މިރޭ އެ އިމާރާތް ބެލުމުގެ ފުރުސަތު ގޭގެ ވެރި ފަރާތުން ދީފައިވާއިރު، ޔުމްނު ވެއްޓުމުގެ ކުރިން، ސީސީޓީވީއަށް އަރާފައިވާ އޭނާ އާއި ރައުދުގެ ބައެއް ހަރަކާތްތައް ފުލުހުން މިއަދު ވަނީ ދައްކައިފައެވެ.

ފުރާޅަށް ވެއްޓުނު ޔުމްނު އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު އަދި ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.

ރައުދު މިރޭ ހައްޔަރު ކުރިއިރު، ޔުމްނު ވެއްޓުނު ރޭ، އޭނާ ވެސް ހުރީ ަމަސްތުގެ ހާލަތުގައި ކަމަށް ބެލެވެއެވެ. އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރު ހޯދީ، ތަހުގީގަށް އެއްބާރުލުން ނުދޭތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.