މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމަދު މުއިއްޒު، މިހިނގާ އެޕްރިލް މަހުގެ 27 އިން 30 އަށް މެލޭޝިއާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނިގޮތުގައި، އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގެ އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމެވެ.
މި ދަތުރުފުޅުގައި ރައީސް އާއި މެލޭޝިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި، އެއް ގައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމުގެ މައްޗަށް މަޝްވަރާކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާމެދު ހިޔާލުބަދަލުކުރައްވައި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނޭ އިތުރު މަގުތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.
މީގެ އިތުރުން އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައި، މެލޭޝިއާގެ އިސް ވުނޭރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައި.އައި.ޔޫ.އެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގައި ދަރުހެއް ދެއްވާނެއެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އޮޅުންފިލުއްވައި، މަސްލަޙަތުތައް ދެނެގަތުމަށް އެމަނިކުފާނު ދެއްވާ ސަމާލުކަމުގެ ދަށުން، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖައްސަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހި އާބާދީގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމަށާއި، އެ ފަރާތްތަކަށް އެއްބާރުލުން ދެއްވޭނޭ ގޮތްތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
