ގައުމެއްގެ ގޮތުގައި ގައުމެއް ދެމިއޮތުމުގެ އެންމެ މުހިންމު ކަމަކީ އެ ގައުމެއްގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ހަމަޖެހިފައި އޮތުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއަކީ މި ރާއްޖޭގެ މުޅި އިގްތިސާދު ގައުމުގެ ހަމަޖެހުމުގެ މައްޗަށް ބިނާވެފައި އޮތް ރާއްޖެއެއް ކަމަށެވެ.
އަދި އިންވެސްޓަރުންގެ ޔަގީންކަމުން ފެށިގެން ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުން ބިނާވެފައިވަނީ އެ އިހުސާސްގެ މައްޗަށް ކަމަށް ވިދަޅުވިއެވެ.
”މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އެ މީހުންގެ އާއިލާތައް ދިރއުޅެމުން އަންނަނީ ވޭނާއި އުނދަގުލުގައި. މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ ސަބަބުން ކުށުގެ ވެއްޓަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައި. މަސްތުވާތަކެތީގެ ވިޔަފާރީގެ މުގާބިލުގައި ކުށްކުރާ ގޭންގުތައް އުފެދި މުޖުތަމައު ހަމަނުޖެހުމުގެ ތެރެއަށް ވަނީ އައިސްފައި.“ މިނިސްޓަރު އަލީ އިހުސާން ވިދާޅުވިއެވެ.
އަދި މައުސޫމު އެތަކެއް ފުރާނަތަކެއް ދިޔައީ މި މާހައުލުގެ ޝިކާރައަކަށްވަމުން ކަމަށާއި ތުއްތު ކުދިން ދިޔައީ ކުށުގެ ވެއްޓަށް ހުށަހެޅެމުން ކަމަށާއި ކުށްކުރާ ކުޑަކުދިން، ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވަމުންދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ އިޖުތިމާއީ ހަމަޖެހުމަށް އެންމެބޮޑު ނުރައްކަލަކަށްވެފައި ވަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ފަރާތުން ކުށުގެ ވެއްޓަށް ބޮޅުތަކެއް އިތުރުވެފައިވުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މުޖުތަމައުގައި ހުރި މިފަދަ މައްސަލަތަކަށް މީގެކުރިން އެކަށީގެންވާ ހައްލެއް ގެނެވޭނެކަމުގެ އުންމީދެއް ރައްޔިތުންނަށް ލިބިފައިނުވާ ކަމަށް ވެސްވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ މަސައްކަތްތަކުގައި ތަފާތު ފެންނާނެ އަހަރެއް ކަމަށާއި ދިވެހިފުލުހުންގެ ހިދުމަތް ރައްޔިތުންނަށް އެންމެ އެދެވޭގޮތަށް ނަތީޖާ ފެންނާނެ އަހަރެއް ކަމަށެވެ.
އަދި ދިވެހި ފުލުހުންގެ ހިދުމަތް އިތުރަށް ތަރައްގީކޮށް އިފެކްޓިވް ކުރުމަށްޓަކައި އަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް ފުލުހުންގެ ތާރީހުގައި ހިންގޭ އެންމެ ބޮޑު އުމްރާނީތަރައްގީގެ މަޝްރޫއު މިދިޔަ މަހުގައި ފެށިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
