ރާއްޖެއަށް ވަޑައިގެންނެވި މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިހު ޑރ. ސަލާހުލް ބުދައިރު، ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވައިފިއެވެ.
ފަސް ދުވަހުގެ ދަތުރުފުޅަށްފަހު އެމަނިކުފާނު ފުރާވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
އެގޮތުން މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ބައްދަލު ކުރައްވާފައިވެއެވެ. އަދި މިނިސްޓްރީގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާވެސް ބައްދަލު ކުރައްވާފައިވެއެވެ.
މީގެ އިތުރުން އިމާމުންނާއި ހަތީބުންނާއި ބައްދަލު ކުރައްވާ ނަސޭހަތުގެ ބަސްކޮޅެއް ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ޒިޔާރަތް ކުރައްވާ އެތަނުގެ މުވައްޒަފުންނާއި ދަރިވަރުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވުމުގެ އިތުރުން ސަލްމާނު މިސްކިތަށް ޒިޔާރަތް ކުރައްވާ ކީރިތި ޤުރުއާން ހިތުދަސް ކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ހިތްވަރު ދިނުމުގެ ބަސްކޮޅެއް ދެއްވެވިއެވެ.
އެމަނިކުފާނުގެ ދަތުރުފުޅުގައި ސަލްމާން މިސްކިތުގައި އަދި އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރެއްވިއިރު މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވައި، އަސަރުގަދަ ހުކުރު ހުތުބާއެއް ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
