މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ހ.ފެންޓެނޯއީ އިމާރާތުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު އާއި އެކު އެރޭ އެ އިމާރާތުގައި، އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިކަމަށް ފުލުހުން ބުނެފިއެވެ.
އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އެކި ތުހުމަތުތައް ރައުދުގެ މައްޗަށް ކުރެވުމާއެކު، އޭނާ މިހާރު ވަނީ ބަންދުކޮށްފައެވެ. ރައުދު ބަންދުކުރީ ފަސް ދުވަހަށެވެ.
ފުލުހުން ކުރިން ވަނީ، ރައުދު ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެފައެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ރައުދުއާއި ޔުމްނު އާ ދެމެދު އެރޭ ހަމަނުޖެހުންތަކެއް ހިނގިއެވެ.
ނަމަވެސް އޭގެ ތަފްސީލެއް ބަންދު އަމުރުގައި ބުނެފައެއް ނުވެއެވެ.
”އަނިޔާލިބުނު ފަރާތް ވެއްޓުނު ހާދިސާއަށްފަހ،ު އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އަނިޔާ ލިބުނުފަރާތް ކޮބައިތޯ ސުވާލުކުރުމުން ވީތަނެއް ނޭނގޭކަމަށާއ،ި ވެއްޓުނީކަމަށް ބެލެވޭކަމަށް މީނާ ބުނެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް އައިއޯ ފާހަގަކުރ.ި“ ބަންދު އަމުރުގައި ބުނެފައި ވެއެވެ.
ޔުމްނުއަށް ވީގޮތެއް ސާފު ނުވާއިރު، އޭނާއަށް މެލޭޝިއާގައި ބޭސް ކުރެވޭނެ ގޮތް ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިފައެވެ. އެހެންވެ، ޔުމްނު އެ ގައުމަށް ގެންދިޔުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

