ރާއްޖޭގައި ޤުރުއާން ހިތުދަސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ވިދާޅުވީ މާލެ އާއި އަތޮޅު ތެރޭގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންގެ އަދަދު މިހާރު 700 އަށް ވެސް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެންވެ ދަފުތަރެއް އެކުލަވައިލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތައް ހިންގަން މިނިސްޓްރީން ވަނީ އަމާޒު ހިފާފައެވެ.

އެގޮތުން މި މަހުގެ ތެރޭގައި ވެސް ބައެއް ސަރަހައްދުތަކުގައި އެ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އަދި ޤުރުއާން ހިތުދަސްކޮށް ދޭ ކްލާސްތައް ހިންގާ އަމިއްލަ ފަރާތްތަކަށް މާލީ ގޮތުން އެހީވާން ވެސް ނިންމާފައިވާ ކަމަށް ޝަހީމު ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ޤުރުއާން ހިތުދަސް ޙާފިޒުން ގިނަ އަދަދަކަށް އުފެއްދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.