ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ޝުޖާއު މިއަދު އިސްތިއުފާ ދެއްވުމުން، އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި އިސްމާއީލް ނަވީން ހަމަޖައްސައިފިއެވެ.

ޝުޖާއު އިސްތިއުފާ ދެއްވުމުން އެ މަގާމު ވަގުތީ ގޮތުން ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާއެވެ.

ނަމަވެސް ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފުލުހުންގެ މުއައްސަސާ އިން މިވަގުތު އެންމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތް ކަމަށްވެފައި، މި ތަހުގީގުގެ ކަންކަމާއި އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން ކަމަށެވެ.

އެހެންކަމުން ކޮމިޝަނަރ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ނަވީން ކަނޑައަޅާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ސީޕީ ޝުޖާއުގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގަބޫލުފުޅުކުރައްވާފައެވެ.

އެސިސްޓެންޓު ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް ޝުޖާއު އަށް ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ފަހުކޮޅުއެވެ.