ރައްޔިތުން ފާޅުކުރާ ހިޔާލާ އެއްގޮތަށް އެންމެ ފަހު ވަގުތު ކަންކަން ނިންމަވައިދެއްވާ ހަމައެކަނި ވެރިޔަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމަށާއި، އެމަނިކުފާނު ހަމައެކަނި ހުންނަވާނީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ސިނާން ވިދާޅުވެފައިވަނީ، ރައީސް މުއިއްޒަށް ޒުވާނުންގެ އަޑާއި ސިޔާސީ އަޑުގެ ތަފާތު އެނގިވަޑައިގަންނަވާނެ ކަމަށެވެ.
އޭނާ މިގޮތަށް ވިދާޅުވެފައި ވަނީ، 21 އަހަރުގެ ޒުވާނަކު މަސްތުގެ ހާލަތުގައި ހުރެ ފުރާޅަށް ވެއްޓުނު މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހިގެން ޒުވާނުންތަކެއް މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ މި ދަނޑިވަޅުގައި، ރައީީސް މުއިއްޒު ވިދާޅުވެފައި ވަނީ، އެއްވެސް މީހެއްގެ ހަސަބާއި ނަސަބާއި، މުއްސަނދިކަމާއި، މަގާމަށް ބެލުމެއް ނެތި، ގާނޫނު ތަންފީޒު ކުރަމުންދާނެ ކަމަށެވެ.
ައެހެންވެ، ޒުވާނުންގެ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ބައެއް ފަރާތްތަކުން އެކަން ސިޔާސީ މަގުސަދުތަކަށް ބޭނުންކުރަމުންދާތީ، ސިނާން ކަންބޮޑުވުންފާޅު ކުރެއްވިއެވެ.
”ކަންކުރާ ބައެއްގެ ހައްގު ގެއްލުވާލާ، އަސްލު އޮޅުވާލާ، އިސްސަފު ފަހަތަށް ވަދެ، އިސްކުރަންވީ ކަންކަން ކިޔާ، އިސްތިރިގަނޑެއް ހެން، އެއްވާ ތަންތަނަށް ސަވާރުވެ ކަމުގެ ހަގީގީ މިސްރާބުން ރައްޔިތުމީހާ ވާވައްދާ އަމިއްލަ އެޖެންޑާ ނެރި ނުފެތޭ އޮޑީގައި ދުއްވާ ފަރަށްއެރި ބައިގަނޑު މިފަހަރުވެސް ރަގަޅު ނިޔައްތެއްގައި ހިޔާލި ފާޅުކުރުމަށް ނުކުތް ޒުވާނުންގެ ތެރެއަށް ދާއްބަތަކެއްހެން ސަވާރުވެއްޖެ“ އޭނާ ވިދާޅުވިއެވެ.
”ރައްޔިތުން މާޔޫސްވެ ހިޔާލު ފާޅުކުރާ ކަންތައްތަކުގައި އަޑު އައްސަވާފައި އެންމެފަހު މިނެޓުގައިވެސް އެކަމެއްގެ ނިންމުން ރައްޔިތުން ބޭނުންްވި ގޮތަށް ނިންމަވާ ޑިޒިޝަން ބަދަލު ކުރެއްވި ހަމައެކެނި ރައީސް އަކީ، ރައީީސް މުއިއްޒު.“ އޭނާ އިތުރަށް ވެސް ވިދާޅުވިއެވެ.
ސިނާން ވިދާޅުވީ، ރައީސް މުއިއްޒު ހަމައެކަނި ހުންނަވާނީ ރައްޔިތުންގެ ފަޅީގައި ކަމަށެވެ.
އަންހެނަކު ފުރާޅަށް ވެއްޓުނު މައްސަލައިގައި، އޭނާއާ އެކުގައި އުޅެ، ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ސީސީޓީވީ ފުޓޭޖުން ފެނުނު ރައުދު އަހުމަދު ޒިލާލް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ ވެސް 21 އަހަރުގެ މީހެކެވެ.

