ފުރާޅެއް މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ބައެއް ޒުވާނުން ކުރަމުންދާ މުޒާހަރާގައި ފާޅު ކުރަމުންދާ ކަންބޮޑުވުންތައް އަޑު އައްސަވާތީ، ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ޝުކުރު އަދާ ކޮށްފިއެވެ.

މުޒާހަރާގައި އިސްކޮށް އުޅޭ ދެ މީހަކު، މީޑިއާއަކަށް ބުނީ، މިއީ ސިޔާސީ އެއްވެސް ބައެއްގެ ބައިވެރިވުން އޮތް އެއްވުންތަކެއް ނޫން ކަމަށާއި، ބަޔަކު މިކަމުގެ ތެރެއަށް ވަންނަން އުޅުނަސް، އެ ފުރުސަތެއް ނުދޭނެ ކަމަށެވެ.

އަދި އުމުރުން 21 އަހަރުގެ މީހަކު ފުރާޅަށް ވެއްޓުނު މައްސަލައިގައި، އިންސާފުވެރި ތަހުގީގެއް ކުރުމަށް ރައީސްގެ ގަރާރަކުން ކޮމިޝަނެއް އުފައްދާފައިވާކަން ވެސް ފާހަގަކުރިއެވެ.

ސިލްސިލާ މުޒާހަރާގައި އިސްކޮށް އުޅޭ މީހުން ރައީސްއަށް ޝުކުރު އަދާ ކުރިއިރު، އެމަނިކުފާނު މިއަދު މެލޭޝިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން ވަނީ އެއްވި މީހުންގެ އަޑު އައްސަވާނެ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ދެއްވި ޔަގީންކަމަކީ، އިންސާފު ގާއިމު ކުރުމުގައި، މި ސަރުކާރުން، އެއްވެސް މީހަކާމެދު ތަފާތު ނުކުރާނެކަމުގެ ޔަގީންކަމެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް މުހިންމީ އިންސާފު ގާއިމު ކުރުން ކަމަށާއި، އެކަމުގައި ވަކި މީހަކު ދިފާއު ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ.