ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.

ސިނގިރޭޓްތައް އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅޭ ޕްލައިވުޑް ޝިޕްމަންޓެއްގައި ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެއަށް އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ކަސްޓަމްސް އަށް ލިބުމާ ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ހުޅުމާލެ ސީކާގޯ ޓާމިނަލުންނެވެ.

ކަސްޓަމްސް އިން ބުނީ ޝިޕްމަންޓް ބަލައި ފާސްކުރުމުގެ ތެރޭގައި މި ޝިޕްމެންޓްގައި ހިމެނޭ 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް ނުވަތަ 13،600،000 މިލިއަން ސިނގިރޭޓް ސްޓިކް ފެނުނު ކަމަށެވެ.

މި ޝިޕްމަންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު އަތުލައިގަނެވުނު ސިނގިރޭޓަށް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

އަތުލައިގަނެވުނު ސިނގިރޭޓަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ތަކެތި ކަމުގައިވާތީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.