ޕާޓީ ޑްރަގްސް އަކީ ބައެއް ޒުވާނުން މަޖަލަކަށް ހަދައިގެން ބޭނުންކުރާ، ވަރަށް ނުރައްކާތެރި އެއްޗެކެވެ.
ބޭރުގެ ގައުމުތަކުގައި، ޕާޓީތަކާއި ކޮންސެޓްތަކުގައި ނުވަތަ ކްލަބްތަކުގައި މި ތަކެތި ބޭނުންކުރަނީ ހިތްހަމަޖެހުން ހޯދުމަށް ކަމަށް ބުނެއެވެ. ބައެއް އާންމު ޕާޓީ ޑްރަގްތަކުގެ ތެރޭގައި އެކްސްޓަސީ (އެމްޑީއެމްއޭ)، އެލްއެސްޑީ، ކޮކެއިން އަދި ކެޓަމައިން ހިމެނެއެވެ.
މިއީ ގެއްލުމެއް ނެތް ބޭސްތަކެއް ކަމަށް ދުށުމަކީ ކުށްހީއެކެވެ. މި މަސްތުވާތަކެތީގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެއެވެ.
ޕާޓީ ޑްރަގްސް އަކީ ކޮބައިހެއްޔެވެ؟
ޕާޓީ ޑްރަގްސް އަކީ ތިމާގެ އިހުސާސް، ފެންނަ، ނުވަތަ އަޑުއިވޭ ގޮތް ބަދަލުކޮށްދޭ ގާނޫނާ ހިލާފު މާއްދާތަކެވެ. އޭގެ ސަބަބުން ތިބާއަށް ހަގީގަތާ ވަކިވެފައިވާ ކަމުގެ އިހުސާސް ކުރެވިދާނެ އެވެ. އެކަމަކު އެ އިހުސާސްތަކަކީ ވަގުތީ އިހުސާސްތަކެކެވެ. އަދި މިކަމުގެ ބަދަލުގައި ލިބޭ ގެއްލުން އިންތިހާ ބޮޑެވެ.
މި ބާވަތުގެ ޑްރަގްސް ނުރައްކާތެރި ވަނީ ކީއްވެ ހެއްޔެވެ؟
މަސްތުވާ ކޮންމެ އެއްޗަކީ ވެސް ނުރައްކާތެރި އެއްޗެކެވެ. މާތްﷲ މަސްތުވުން ހަރާމް ކުރައްވާފައިވާއިރު، ބުއްދި ފިލައިދިޔުމުން، އިންސާނާ އަށް އެތައް ގޯހެއް ހެދެއެވެ.
ޕާޓީ ޑްރަގްސްގެ ނުރައްކަލަށް ބަލާއިރު؛
ސިއްހީ މައްސަލަތައް:
ޕާޓީ ޑްރަގްސްގެ ސަބަބުން ސިކުނޑި، ހިތާއި ލިވާ އަދި ކިޑްނީއަށް ގެއްލުން ލިބެއެވެ. އޭގެ ސަބަބުން ހަނދާން ނެތުމާއި ހާޓް އެޓޭކް ޖެހުން ނުވަތަ މަރުވެސް ވެދާނެއެވެ.
އެޑިކްޝަން:
ބައެއް މީހުން މަޖަލަކަށް ޕާޓީ ޑްރަގްސް ބޭނުންކުރަން ފަށަނީ އެންމެ ފަހަރަކު ބޭނުން ކުރަން ހިތުލައިގެންނެވެ.
ނަމަވެސް މިއީ ނިކަން އަވަހަށް ދެވި ހިފާ އެއްޗެކެވެ. މަޖަލަކަށް ބޭނުން ކުރާ އެތީގެ އަޅަކަށް މީހާ ވެގެންދަނީ ނޭނގި ހުއްޓައެވެ. ނަތީޖާއެއްގެ ގޮތުން، އެއާ ނުލައި ނޫޅެވޭ ވަރުވެ، އޭގެ ސަބަބުން ލިބޭ ސިއްހީ ގެއްލުންތަކުގެ ޝިކާރައަކަށް ވެދެއެވެ.
ނެޝަނަލް ޑްރަގް އެޖެންސީ(އެންޑީއޭ) އިން ނެރުނު ނޫސް ބަޔާން:
އެންޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ޕާޓީ ޑްރަގްގެ މާއްދާތަކާއި، ބަނގުރަލާއި، އެނޫން މަސްތުވާ ބާވަތްތައް ރައްޖޭގައި ބޭނުން ކުރާއިރު، މިތަކެތި ފެތުރިފައި ވަނީ ރައްކާތެރި އެއްޗެއް ކަމަށް ދެކިގެން ކަމަށް ބުނެފައެވެ.
މި ފަހުން ޒުވާނުންގެ މެދުގައި މަޝްހޫރުވި ޕާޓީކުރުމުގެ ސަގާފަތުގެ ސަބަބުން ގިނަ ބަޔަކު މިފަދަ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާކަމަށް މި ބަޔާނުގައި ވެއެވެ.
މި ބަޔާނުގައި ވަނީ ގިނަ މީހުން މިފަދަ މަސްތުވާތަކެތި ބޭނުންކުރަނީ ދޭތެރެ ދޭތެރެއިން ބޭނުންކުރާގޮތަށް ނަމަވެސް، އެކަމުގެ ސަބަބުން މިފަދަ މީހުން މަސްތުވާތަކެއްޗަށް އަޅުދާސްތުވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސިއްހީ އެތަކެއް މައްސަލަތަކެއް ދިމާވާކަން ވެސް ފާހަގަކޮށްފައި ވެއެވެ.
”ޕާޓީކުރުމުގެ ނަމުގައި ފެތުރެމުންދާ މި ނުރައްކާތެރި މަސްތުވާތަކެއްޗާއި، އެނޫންވެސް މަސްތުވާޒާތުގެ އެންމެހާ މާއްދާތަކާއި ތަކެތި ބޭނުންކުރުމަކީ ފުރާނަގެއްލިދިޔުމުގެ ނުރައްކާއޮތް ކަންކަމަށް ވާތީ، އެކަންކަން ކުރާ އެންމެހާ ފަރާތްތަކަށް މި ނުރައްކަލުގެ އިންޒާރުދެމެވެ،“ އެ ބަޔާނުގައި ވެއެވެ.
އެންޑީއޭއިން ބުނީ، މަސްތުވާތަކެތި ބޭނުންކުރުމަކީ ޖިނާއީ ކުށެއްގެ އިތުރުން، ސިއްހަތަށް ނުހަނު ގެއްލުންހުރި އަދި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.
ޕާޓީ ޑްރަގްސްގެ އިތުރުން މަސްތުވުމަށް ޑްރަގް އިންޖެކްޓްކުރުން ފަދަ ކަންކަމަކީ ނުރައްކާތެރި ބަލިތައް ފެތުރުމަށް ހުޅުވިފައިވާ ދޮރުތައްކަން ފާހަގަކޮށް އެންޑީއޭއިން ބުނީ، މިހާރުވެސް މަސްތުވާތަކެތި ބޭނުންކުރާ އެތައްބަޔަކު މިފަދަ ބަލިތައް ތަހައްމަލު ކުރަމުން ދާކަމަށެވެ.
މާލެ ސަރަހައްދުގައި ކަންބޮޑުވާ މިންވަރަށް މިހާރު ވެސް މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި މިކަމުގައި ޒުވާނުނާއި ކުޑަކުދިން ވެސް ވަންނަކަށް އެންޑީއޭއިން މިއަހަރުގެ ފެބްރުވަރީ 25އިން މާރޗް 25ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސަރަޙައްދުގައި ކުރިޔަށް ގެންދިޔަ އައުޓްރީޗް ޕްރޮގްރާމުން އެނގިފައި ވާކަމަށް އެންޑީއޭއިން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ސިއްހީ އެތައް މައްސަލައެއް ވެސް ފާހަގަވެފައި ވާކަމަށް އެންޑީއޭއިން ބުނެފައި ވާއިރު، މިކަމާ ގުޅިގެން ހާލަތު އިތުރަށް ދެނެގަތުމަށް އިތުރު މަސައްކަތްތައް ކުރަންމުން އަންނަ ކަމަށް އެންޑީއޭއިން ވަނީ ބުނެފައެވެ.

