ރާއްޖެއާއެކު މަޝްވަރާ ކުރެވުނު ކަންކަން ތަންފީޒު ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މޭލޭޝިއާގެ ބޮޑުވަޒީރު އެކްސްގައި ވިދާޅުވީ، އެ ގައުމާ ރާއްޖެ ހިމެނޭ ވަފުދުތަކުގައި އިސްކޮށް އުޅުއްވީ ރައީސް މުއިއްޒު އާއި އެމަނިކުފާނު ކަމުގައެވެ.

އެގޮތުން ވިޔަފާރީގެ ދާއިރާއާއި، ތަޢުލީމާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދިފާއީ ދާއިރާ، ޒުވާނުންނާއި ކުޅިވަރާއި، އިސްލާމިކް ބޭންކިންގ، ހަލާލް އިންޑަސްޓްރީ، އެންޓި ކޮރަޕްޝަން، ޑިޖިޓަލް ޓެކް، ސޯލާ އެނަރޖީ، އަދި އޭ.އައިގެ ދާއިރާ އިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މިޔަންމާ، ޣައްޒާގެ ހާލަތާއި އެމެރިކާގެ ޓެރިފްފަދަ ސަރަހައްދީ މައްސަލަތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު، ފަތުރުވެރިކަމާއި، ކުޅިވަރާއި، ޞިއްޙީ ހިދުމަތުގެ ދާއިރާއިން ތިން އެމް.އޯ.ޔޫއެއްގައި ސޮއިކުރެއްވުމާއި، އެކްސްޗޭންޖް އޮފް ނޯޓްސް އޮން ޑިޕްލޮމެޓިކް ޓްރެއިނިންގ އެންޑް ބައިލެޓަރަލް ކޮންސަލްޓޭޝަންސްގައި ސޮއިކުރެވުނުކަން މެލޭޝިއާގެ ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

”އިންޝާ الله، މިނިސްޓްރީތަކާއި އެޖެންސީ ފެންވަރުގައި މި މަޝްވަރާތައް ފުރިހަމައަށް ތަންފީޒުކުރެވޭތޯ އަޅުގަނޑުމެން މިތިބީ.“ އެމަނިކުފާނު ވިދާޅުވިއެވެ.

މެލޭޝިއާ ސަރުކާރުން ރައީީސް މުއިއްޒު އަށް މިއަދު ވަނީ ރަސްމީކޮށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.