ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުސަތުތަކުގެ ބޭނުން ހިފައި، ދިވެހިރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ، ވިޔާފާރިތަކަށް ފަހި އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ ގައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.

ރައީސް މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ، އެމަނިކުފާނު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދިޔަ މޯލްޑިވްސް- މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ގައި ތަގުރީރުކުރައްވަމުންނެވެ.

މި ސަރުކާރުން ކުރިއަށްދަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދިނުމުގެ އަޒުމުގައިކަމުގެ ޔަގީންކަން ދެއްވަމުން އެމަނިކުފާނު ވަނީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި މުވައްސަސާތައް ހަރުދަނާކުރުމަށާއި ދިވެހި ޖަޒީރާތަކަށް ލިބިފައިވާ ވަޞީލަތްތަކުގެ ފުރިހަމަ ބޭނުން ހިފޭނޭ މަގުފަހިކުރުމަށް މި ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކަކީ އެމަނިކުފާނު ހާއްސަ އަހަންމިއްޔަތުކަން ދެއްވާ ކަންތައްތަކެއް ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ 2040 ވަނަ އަހަރާ ދިވެހިރާއްޖެ ބައްދަލުކުރާނީ ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައިކަމަށް ހެދުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ދައުވަތުދެއްވާފައެވެ.

ދިވެހިރާއްޖެއިން މި ތަސައްވަރުކުރާ ބަދަލަކީ އެކަނި ގެނެވޭނޭ ބަދަލެއް ނޫންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިއަދުގެ ތަގުރީރުގައި އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަޙައްދު (އީ.އީ.ޒެޑް) ގައި ވުނަކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހުޅުވިފައިވާ ފުރުސަތުތައްވެސް ފާހަގަކުރައްވާފައެވެ.

އަދި ދިވެހިރާއްޖެއިން ޝައުގުވެރިވަނީ، ދެ ފަރާތަށްވެސް ފައިދާކުރަނިވި، އިތުބާރު ހިފޭ ފަދަ، ހަރުދަނާ ތަރައްގީގެ ބައިވެރީން ހޯދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި އިސްތިރާޖީ ފައިދާތަކަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަނީ ކަނޑުދަތުރުފަތުރުގެ މުހިންމު ސަރަޙައްދެއްގައި ކަމަށް ވާތީ، ކަނޑުދަތުރުފަތުރާއި ކަނޑުދަތުރުފަތުރާ ގުޅުންހުރި ދާއިރާތަކުގައި ވުނަކުރެވިދާނޭ ކަމަށް ވިދާޅުވެފައެވެ.

އަދި ދުނިޔެއަށް ނަން މަޝްހޫރު، ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި، ހާއްސަކޮށް އިކޯ-ޓޫރިޒަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

އެމަނިކުފާނުގެ ތަގުރީރު ނިންމަވާލެއްވީ، ދިވެހިން މިތިބީ، ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ ގޮތުގައްޔާއި ރާއްޖޭގެ މުސްތަގުބަލާއި ތަމައްދުނުގެ ބައިވެރިންގެ ގޮތުގައި މެލޭޝިއާގެ ރައްޔިތުންނަށް މަރުޙަބާކިޔަން ތައްޔާރަށްކަމުގައި ހާމަކުރައްވަމުންނެވެ.