ގދ.ގައްދޫން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ ”ކަށި ވާލި“ (ބްރިލިއަންޓް ކެރިއަރ) ނަމަކަށް ކިޔާ މުދާ އުފުލާ ދޯނީގެ ޚަބަރެއް ނުވެގެން، އެ ދޯނި ހޯދަން ކުރި މަސައްކަތުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ހޯދައިފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް އެ ދޯނީގެ ޚަބަރެއް ނުވެގެން ވެރިފަރާތުން ރިޕޯޓުކުރުމުން، ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކޮށްގެން ވަނީ ކޮށްފައެވެ.

އެގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ދޯނި ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން އެ ދޯނި ހޯދާފައި ވަނީ އެޕްރީލު 29 ވަނަ ދުވަހުގެ ފަތިހު 04:00 ހާއިރު، ގއ.ވިލިގިނލީގެ އިރުއުތުރުން 48 މޭލު ބޭރުގައި އޮއްވައެވެ.

އެ ދޯނި ފެނުނު އިރު ދޯނީގެ އިންޖީނު ވަނީ ހުއްޓިފައެވެ.

އެމްއެންޑީއެފުން ބުނީ، ދޯނީގެ ވެރިފަރާތާ ގުޅިގެން މިހާރު އެ ދޯނި، ކައިރި ރަށެއްގެ ބަނދަރަކަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.