ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ”އަންހެންވެރިންގެ ސައްލާ“ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހެނދުނު އިސްރަށްވެހިންގެ ނާދީ ހޯލްގައެވެ.

”އަންހެންވެރިންގެ ސައްލާ“ އަކީ އަންހެނުންގެ ތަރައްްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހާއްސަކޮށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އިންތިޒާމުކޮށް ކުރިއަށްގެންދާ މިފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.

މި ސައްލާގައި މާލެ އަތޮޅާއި، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރިއާއި، ފެލިދެއަތޮޅާއި، މުލަކަތޮޅު އަދި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހިމެނޭހެން 59 މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

 

މި ސައްލާ ބޭއްވުމުގެ މަގްސަދަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނުގެ ދަށުން ސިޓީތަކާއި، ރަށްރަށުގައި އުފެދިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޓީތައް ބާރުވެރި ކުރުވުމެވެ.

މިގޮތުން މި ބައްދަލުވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، މާލީ ގޮތުން ކޮމިޓީތައް ބާރުވެރިކުރުމަށް ކުރެވިދާނެ ކަންކަމާއި، އަންހެނުން ބާރުވެރި ކުރުމަށް ކޮމެޓީތަކަށް ކުރެވިދާނެ ކަންކަމާއި، ގުޅޭގޮތުންވެސް މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ސައްލާ ކުރިއަށްދާނީ މި މަހުގެ 29 އިން 30 އަށް މާލޭގައެވެ.